ޚަބަރު

ބައެއް ޤައުމުތަކުގެ ސަފީރުންނާ، ފޮރިން މިނިސްޓަރ ބައްދަލުކުރައްވައިފި


ރާއްޖެއާއި އެހެން ޤައުމުތަކާ މެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ރާއްޖެއަށް ބައެއް ޤައުމުތަކުން ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާ، ނޯވޭ، ސެވިޓްޒާލެންޑް އަދި ތުރުކީއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ބޭއްވި މިބައްދަލުވުމުގައި ރާއްޖެއައި މި ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ޤައުމުތަކުގެ ސަފީރުންވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް އެޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ، އެބޭފުޅުންގެ ތަޖުރިބާ، މިނިސްޓަރ ޝާހިދާ ޙިއްސާކުރައްވާފައެވެ.

މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރ ޝާހިދުވަނީ ވަރޗުއަލް ބައްދަލުވުންތައް ބާއްވަވާ މަޝްވަރާކުރައްވާފައެވެ.