އޮސްޓްރޭލިއާއިން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއިން ވަކިވުމަށް ވިސްނަމުންދާކަމަށް ޚަބަރުތައް ފެތުރެން ފަށައިިފިއެވެ.
މިފަދަގޮތަކަށް ޚަބަރުތައް ފެތުރެން ފަށާފައިވަނީ އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުން މިހާތަަނަށް އައިރު ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ވަކިވުމުގެ ބާރު އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދީ ޤާނޫނަށް ބަދަލު ގެނައުމާއި ގުޅިގެންނެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމާއި ގުޅޭ ކޯޅުންގަނޑު ބޮޑުވެ ޗައިނާއާއި އޮސްޓްރޭލިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެެވެ. މިފަދަ ޙާލަތެއްގައި ދެ ޤައުމުގެ ގުޅުން އޮއްވާ އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު އެ ޤައުމުގެ ޤާނޫނަކަށް ގެނައި ބަދަލުުގެ ދަށުން އެޤައުމުން މީގެކުރިން ސޮއިކޮށްފައިވާ ދާޚިލީ އަދި ޚާރިޖީ އެއްބަސްވުންތަކަށް ބަދަލު ގެނައުމުގެ ބާރު ޚާރިޖީ ވަޒީރަށް ލިއްބާދެއެެވެ.
މިބާރު ލިބުމާއިއެކު އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ގިނަ އެއްބަސްވުންތަކަކަށް ބަދަލު ގެންނަވާނެކަަމަށް ޚަބަރުތައް ދަނީ ބުނަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލު ގެންނަވާނީ އޮސްޓްރޭލިއާއިން 2018 ވަނަ އަހަރު ގުޅުނު ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށްކަމަށް މި ޚަބަރުތައް ބުނެއެވެ. މިކަމާއި ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރުންވެސް އަދި ޗައިނާ ސަރުކާރުންވެސް އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، މި މަސައްކަތަށް ތައްޔާރުވެ ވީހާވެސް އަވަހަށް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއިން ނުކުތުމަށް ތައްޔާރުވަމުންދާކަމަށް ނަން ހާމަކުރަން ނޭދޭ އޮސްޓްރޭލިއާގެ އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރިކަމާއި ގުޅޭ ކޯޅުންގަނޑު ބޮޑުވެ ޗައިނާއިން އޮސްޓްރޭލިއާއަށް ދަތިކުރުމުގެ ފިޔަވަޅުވެސް ވަނީ އަޅަން ފަށާފައެވެ. ޗައިނާއިން ވަނީ އެޤައުމަށް އޮސްޓްރޭލިއާއިން އިމްޕޯޓްކުރާ ބައެއް ބާވަތްތައް އިމްޕޯޓްކުރުން މަޑުޖައްސާލުމަށް ނިންމާފައެވެ.
ޗައިނާގެ އެގްރިކަލްޗަރަލް މިނިސްޓްރީން ވަނީ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިއާއިން ލަކުޑީގެ ބައެއް ބާވަތްތަކާއި، ގޮދަން އެތެރެކުރުން ހުޓާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އޮސްޓްރޭލިއާގެ ކުންފުނިތަކުން ބައެއް ތަކެތި ނުއަގުގައި އިމްޕޯޓްކޮށް ވިއްކާކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޗައިނާއިން ވަނީ ނިންމާފައެވެ. އެގޮތުން ގެރި މަހާއި، ބޯޓުދެލި އެތެރެ ކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
މީގެ އިތުރުން އޮސްޓްރޭލިއާއިން އެތެރެކުރަން އެދިފައިވާ 1.4 މިލިއަން ޑޮލަރުގެ ދިރޭ އިހީގެ ޝިޕްމަންޓެއް ހުއްޓުވާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮސްޓްރޭލިއާގެ އިހީގެ އެންމެ ބޮޑު މާކެޓްކަމުގައިވާ ޗައިނާއިން އިހީގެ މި ޝިޕްމަންޓަށް ކްލިއަރެންސް ނުދިނުމުން މިކަމުގެ ހިތްހަމަނުޖެހުން އޮސްޓްރޭލިއާގެ އިހި އެކްސްޕޯޓްކުރާ ކުންފުނިތަކުން ދަނީ ފާޅުކުރަމުންނެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނީ މި ޝިޕްމަންޓަށް ޗައިނާގެ ކަސްޓަމްސްއިން ކްލިއަރެންސް ނުދިނީ ކޯވިޑްގެ ނުރައްކާ އޮސްޓްރޭލިއާގައި ބޮޑުވުމުންކަމަށް ބުނެފައެވެ. އަދި މި ޝިޕްމަންޓްގެ އިންސްޕެކްޝަންއެއް ކުރިއަށް ގެންދިއުމަށްފަހު މި ޝިޕްމަންޓަށް ކްލިއަރެންސް ދޭނެކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި އިންސްޕެކްޝަން އަންނަ މަހުގެ ތެރޭގައި ނިމޭނެކަމަށް ބެލެވޭއިރު، އެއަށްވުރެ އަވަހަށް ވިޔަފާރި ފެށުމަށް މަޝްވަރާ ކުރަމުންދާކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ މިފަދަ މަޝްވަރާތަކެއް ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އޮސްޓްރޭލިއާއިން ޗައިނާގެ ޝަރުތުތަކަށް އެއްބަސްވެއްޖެނަމަ މި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް ޗައިނާ ސަރުކާރުން ހާމަވެއެވެ.