ވިޔަފާރި

5 މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު ހާމަކުރަނީ


5 މިލިއަން ރުފިޔާ އަށްވުރެ ދަށުގެ ހުރިހާ ޕްރޮކިއުމަންޓުތަކުގެ މައުލޫމާތު ހާމަކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންގަވައިފިއެވެ.

މިނިސްޓަރ މިނިސްޓަރ މިގޮތަށް އަމަލު ކުރުމަށް އަންގާފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައެވެ.

ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީ އާއި ގުޅޭ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވި މި ސަރކިއުލަރގައި ވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުޢައްޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި އާއްމުކުރަންޖެހޭކަމަށެވެ.

އަދި ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްޞަޞާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މަޢުލޫމާތުވެސް، ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ފިނޭންސް މިނިސްޓަރ ވަނީ އަންގާފައެވެ.

މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފަނަރަ އިންސައްތަ އަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ޚިދުމަތުގެ އަގު ތިރީސް ފަސް ހާސް ދިވެހި ރުފިޔާއަށްވުރެ ބޮޑުކަމުގައިވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓަރގެ ހުއްދަ ހޯދުމަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުށަހެޅަންޖެހޭގޮތަށްވެސް ވަނީ ނިންމާފައެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މަޢުލޫމާތުތައް އަދާހަމަކުރުމުގެ ގޮތުން ބިޑް ކޮމިޓީތަކުގެ މަޢުލޫމާތު މިމަހުގެ 31 ވަނަ ދުވަހުގެ 1400ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.