ޚަބަރު

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 36،000އަށްވުރެ ގިނަ މީހުން


އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000އަށްވުރެ ގިނަ މީހުން ރާއްޖޭގެ އާބާދީގައި ހިމެނޭ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އެއީ%9މީހުންނެވެ.

2019ވަނަ އަހަރު "ހަޔަސް"ގެ ނަމުގައި ކުރިއަށްގެންދިޔަ ސަރވޭއާއި ގުޅޭ މަޢުލޫމާތު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންވަނީ ހާމަކޮށްފައެވެ. މި މަޢުލޫމާތަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 10މީހަކުން އެކަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. ރާއްޖޭގެ އާބާދީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 36،000 އަށް އަރައެވެ.

މީގެ ތެރެއިން ބާވީސް ހާހަށްވުރެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. މީގެ ތެރޭގައި ހިމެނެނީ 12،844 އަންހެނުންނާއި، 9،243 ފިރިހެނުންނެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 14،238މީހުންނެވެ. އެއީ 9211 އަންހެނުންނާއި، 5028 މީހުންނެވެ.

ރާއްޖެއިން ފާހަގަކޮށްލެވޭ ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅުދުންތެރިކަން ހުންނަ މީހުންނެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ %43 މީހުންނެވެ. ދެން އެންމެ ގިނައީ ފެނުމުން މަހުރޫމްވެފައިވާ މީހުންނެވެ. އެއީ އާބާދީގެ %24 އެވެ. %22.5 މީހުންނަކީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލަ ކަންކަން ކުރުމުގައި އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. ހަނދާން ބަލިވުމުގެ ނުކުޅެދުންތެރިކަން %19މީހުން ތަޙައްމަލްކުރަމުންދެއެވެ. އަދި %14މީހުންނަކީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށާއި %11މީހުންނަކީ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ސަރވޭއިން ދައްކައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރޭގައި %35 މީހުންނަކީ އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. މީގެތެރެއިން ގިނައީ ދެކަމަކުން ނުކުޅެދުންތެރިވާ މީހުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި އެއްބާވަތަށްވުރެ ގިނަ ބާވަތުން ނުކުޅެދުންތެރިކަން ހުންނަ މިންވަރު އިތުރެވެ.

"ހަޔަސް"ގައި ހިމަނާފައިވާ މަޢުލޫމާތަށް ބަލާއިރު އުމުރުން ދުވަސްވާވަރަކަށް ނުކުޅެދުންތެރިކަން އިތުރުވެއެވެ. އުމުރުން 5އަހަރުން ފެށިގެން 17އަހަރާއި ދެމެދުގެ އުމުރުފުރައަށް ބަލާއިރު ނުކުޅެދުންތެރިކަން ހުރި މީހުންގެ ނިސްބަތަކީ %4އެވެ. އުމުރުން 75އަހަރުން މަތީ މީހުންގެ މެދުގައި ނުކުޅެދުންތެރިކަން ހުރި މިންވަރަކީ %58އެވެ. މީގެތެރޭގައިވެސް އަންހެނުންގެ މެދުގައި ނުކުޅެދުންތެރިކަން ހުންނަ މިންވަރު އިތުރެވެ.

މި ދިރާސާގައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކައިވެނިކުރާ އުމުރާއި، އަދި އެވްރެޖްކޮށް އެންމެ ފުރަތަމަ ދަރިއަކު ހޯދާ އުމުރުފުރައާއި ގުޅޭ މަޢުލޫމާތުވެސް އެއްކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ އަންހެނުން އެވްރެޖްކޮށް ކައިވެނިކުރާ އުމުރަނީ 20އަހަރެވެ. އަދި ފިރިހެނުން އެވްރެޖްކޮށް ކައިވެނިކުރަނީ 23 އަހަރުގައެވެ.

އަންހެނުންގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ކުދިން ހޯދާ އުމުރު އަވަސްކަމަށާއި، އެވްރެޖްކޮށް ކައިވެނިކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ދަރި ހޯދާ ކަމަށް މި ސަރވޭގައިވެއެވެ.