ޚަބަރު

ނަސްލީ ތަފާތު ކުރުމާއި ގުޅިގެން ޕީއެސްޖީ މެޗް ސަސްޕެންޑްކޮށްފި


ނަސްލީ ތަފާތު ކުރުމުގެ މައްސަލައަކާއި ގުޅިގެން ޗެންޕިއަންސް ލީގްގައި ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރު ވަދަކުރި މެޗް ސަސްޕެންޑްކޮށްފިއެވެ.

މިމެޗް ހުއްޓަލަން ޖެހުނީ މެޗްގެ 4ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ ބަސަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކުރިކަމަށް ބުނެއެވެ. މެޗްގެ ހަތަރުވަނަ އޮފިޝަލްގެ ދިން ލަފައަކަށް ބަލައި މެޗްގެ ރެފްރީވަނީ ޕިއޭރޭ ވެބޯއަށް ރަތް ކާޑު ދައްކާފައެވެ. މިކަމާ ހިތްހަމަ ނުޖެހިގެން ތުރުކީގެ ބަސަކްޝެހީރުގެ ޓީމުންވަނީ މެޗްގެ 4ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ ދެއްކި ވާހަކަތަށް ރެފްރީ ބަލަންޖެހޭނެކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ދެ ޓީމްގެ އޮފިޝަލުންވެސްވަނީ ރެފްރީގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ. މެޗްގެ 4ވަނަ އޮފިޝަލް ކޮލްޓެސްކޫ ލައިގެން މެޗް ކުރިއަށް ގެންދަން ދެ ޓީމުންވެސް ބޭނުން ނުވުމާއިއެކު، ޕީއެސްޖީ އަދި ބަސަކްޝެހީރުގެ ކުޅުންތެރިންވަނީ ދަނޑުން ފައިބާފައެވެ. މެޗުގެ ރެފްރީ މެޗްއަލުން ފެށުމަށް މަސައްކަތް ކުރިނަމަވެސް އެކަންވަނީ ކާމިޔާބުވާ ގޮތްނުވެފައެވެ. މެޗްގެ 4ވަނަ އޮފިޝަލްގެ މައްސަލަ ޔޫއެފްއާއި ބަލާނެކަމުގެ ޔަގީންކަން ދީ މިމެޗްވަނީ މިރޭ ކުޅޭގޮތަށް މިހާރު ތާވަލްކޮށްފައެވެ.

ނަސްލީ ތަފާތު ކުރުމަކީ ފުޓްބޯޅައިގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށްވެސް ފީފާގެ ރައީސް އިންފަންޓީނޯވަނީ މީގެ ކުރިން ބުނެފައެވެ. އަދި ނަސްލީ ގޮތުން ތަފާތުކުރުމުގެ މައްސަލަ ދިމާވެގެން މީގެ ކުރިންވަނީ ކުޅުންތެރިން ދަނޑުން ފޭބުމުގެ އިތުރުން މެޗްތަށްވެސް ހުއްޓާލާފައެވެ. މިމެޗާއި ކުރިމަތިލީއިރު، ޕީއެސްޖީ އޮތީ ޗެންޕިއަންސް ލީގްގެ 2ވަނަ ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް މިމެޗުން މޮޅުވެގެން ޕީއެސްޖީއަށް ގުރޫޕްގެ އެއްވަނަ ލިބޭނެއެވެ.