ލިޕްޒިކް އަތުން ބަލިވެ، މެންޗެސްޓަރ ޔުނައިޓަޑް ޗެންޕިއަންސް ލީގުއިން ކަޓައިފިއެވެ.
މިމެޗަށް ކުރިމަތިލީއިރު، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް މެންޗެސްޓަރ ޔުނައިޓަޑަށް މިމެމެޗުން ބޭނުންވެފައިވަނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް ލިޕްޒިގުންވަނީ މެޗުގެ ފުރަތަަމަ 13 މިނެޓްގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. މިލަނޑުތައް ޖަރުމަންގެ ލިޕްޒިގަށް ކާމިޔާބުކޮށްދިނީ އެންގަލީނޯ އާއި ހައިދަރެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ލިޕްޒިގުން ދެލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ފަހަކަށް އައިސް ގިނަ މެޗްތަކުގައި ޔުނައިޓެޑަށް ޖެހިފައިވަނީ ފަހަތުން އަރާ ލަނޑު ޖެހުމަށެވެ. ޔުނައިޓަޑުން ވަނީ މިމެޗްގައިވެސް ދެވަނަ ހާފްގައި ކުޅެން ނިކުމެ، ފަހަތުން އަރާ ދެ ލަނޑު ޖަހާފައެވެ. މިލަނޑުތައް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބުރޫނޯ ފެނާންޑޭޒް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ދަވަނަ ލަނޑަކީ ލިޕްޒިގްގެ ކޮނޭޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗްގެ ދެވަނަ ހާފްގައި މެންޗެސްޓަރ ޔުނައިޓެޑުންވަނީ މޮޅު ކުޅުމެއްދައްކާ ލިޕްޒިގުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އެޓީމަށް ލީޑް ނެގޭ ގޮތެއްނުވިއެވެ. ޔުނައިޓަޑަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ފެނާންޑޭޒަށް މެޗްގައި ފުރަތަމަ ފަހަަރަށް ލީޑް ނެގުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ފެނާންޓޭޒް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލް މަތީ ދަނޑިއަށެވެ. މެޗްގައި މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލި ލަނޑު ލިޕްޒިގަށް ކާމިޔާބުކޮށްދިނީ މެޗްގެ 69ވަނަ މިނެޓްގައި ކުލައިވެޓެވެ.
މިމޮޅާއެކު ޔުނައިޓަޑް ކަޓާ ލިޕްޒިގްވަނީ މުބާތާރުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މުބާރާތުގެ ކުރިން މެންޗެސްޓަރ ޔުނައިޓަޑް ވެފައިވަނީ ގުރޫޕް އެޗުން ދެވަނަ ބުރަށް ދަތުރުކުރާނެ އެންމެ ވަރުގަދަ ޓީމްގެ ގޮތުގައެވެ. ގިނަ ބަޔަކު މިގޮތަށް ގަބޫލު ކުރީ ޕީއެސްޖީ އާއި ލިޕްޒިގް ގުރޫޕްގެ ފުރަތަމަ ދެ މެޗުން ބަލިކުރުމާއި ގުޅިގެންނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވުމާއި ރަށުން ބޭރުގައި ގުރޫޕް އެންމެ ފުލަށްދިޔަ އިސްތަން ބޫލްގެ ބަސަކްޝެހިރް އަތުން ބަލިވުމުން ގުރޫޕްގައި ކުރިއަށް ދިއުމަށް ޔުނައިޓަޑަށް ގިނަ ހުރަސްތަކަކާއި ކުރިމަތި ލާންޖެހިފައިވެއެވެ. މިމެޗުން ބަލިވުމުގައި ޔުނައިޓަޑްގެ ޑިފެންސް ލައިންގެ ފަރާތުން ގިނަ ގޯސަތަކެއް ފެނިގެންދިޔައެވެ.
ޗެންޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން މެންޗެސްޓަރ ޔުނައިޓަޑް ކަޓާފައިވާއިރު، މިއީ 2015 އަދި 2016ވަނަ އަހަރުގެ ސީޒަނަށް ފަހު ޗެންޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން ޔުނައިޓަޑް ކެޓި ފުރަތަމަ ފަހަރެވެ. މިމެޗުން ބަލިވުމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ސޯލްޝެޔާ އަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒްވެފައެވެ.