ވިޔަފާރި

ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޙާއްސަ ކެންޕެއިންތަކެއް


ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މި ކެމްޕެއިންތައް ކުރިއަށްދަނީ ޑިޖިޓަލްކޮށްކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައި ވަނީ "ފްރިކް އައުޓް" ކެންޕެއިންކަމަށެވެ. މި ކެންޕެއިން މިހާރު ވަނީ ނިންމާލާފައެވެ.

"ފްރިކް އައުޓް" ޑިޖިޓަލް ކެންޕެއިނަކީ މެލޭޝިއާގެ މާކެޓަށް ޙާއްސަކޮށްގެން ހިންގާފައިވާ ކެންޕެއިނެކެވެ. މި ކެންޕެއިން އަމާޒުކޮށްފައިވަނީ ވަޒީފާ އަދާކުރާ ޒުވާނުންނާއި، އަލަށް ފަށައިގަންނަ އާއިލާތަކާއި މުސްލިމް ފަތުރުވެރިންނަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ކެންޕެއިން މެދުވެރިކޮށް ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯތައް އެކި އޮންލައިން ޕްލެޓްފޯމްތަކުގައި ވަނީ އިޝްތިހާރުކޮށްފައެވެ. މި އިޝްތިހާރުތައް މިހާތަނަށް މި ސަރަހައްދުގެ ފަސް މިލިއަނަށްވުރެ ގިނަ މީހުންނަށް ފޯރާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިމަހުގެ 1 ވަނަ ދުވަހު "ޓްރެވަލް ޕްލަސް ލެޝަރ"ގެ ނަމުގައިވެސް އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއް ފަށާފައެވެ. މި ކެންޕެއިން 4 މަސްދުވަހަށް ކުރިއަށްދާނެއެވެ. މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ލަގްޒަރީ އަދި ވިޔަފާރީގެ ދާއިރާގެ ފަތުރުވެރިންނަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ކެންޕެއިންގައި ދިވެހިރާއްޖޭގައި ފަތުރުވެރިންގެ ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ދިވެހިރާއްޖެއަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި ފަތުރުވެރިންގެ މަންޒިލްކަމަށް ބުނެދޭނެއެވެ. މީގެއިތުރުން ރާއްޖޭގެ ހިތްގާއިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް "ޓްރެވެލް ޕްލަސް ލެޝަރ" ކުންފުނީގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާތަކުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީން ވަނީ 22 މާކެޓެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް 412 ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މީގެތެރެއިން 314 ހަރަކާތެއް އޮންލައިން އަދި އޮފްލައިންކޮށް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑްގެ ކާރިސާގެ ތެރޭގައެވެ. އޭގެ ތެރޭގައި ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާ، ފެމް ޓްރިޕްސް، އޮންލައިން ރޯޑް ޝޯ، އައުޓްޑޯ ކެމްޕެއިން އަދި ޑިޖިޓަލް ކެމްޕެއިންތައް ވެސް ހިމެނެއެވެ.