ޚަބަރު

ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ، ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ ބަޔަކު މަރުވެއްޖެ


ޕާކިސްތާނުގެ ހަސްފަތާލެއްގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ބަލި މީހުންތަކެއް އޮކްސިޖެން ނުލިބުމުގެ ސަބަބުން މަރުވުމުން، އެ ހަސްފަތާލުގައި މަސައްކަތްކުރާ ހަތް މީހަކު މުއްދަތެއް ނެތް ގޮތަށް ވަޒީފާގެ މަސްޢޫލިއްޔަތުން އެއްފަރާތްކޮށްފިއެވެ. ވަޒީފާގެ މަސްޢޫލިއްޔަތުން އެއްފަރާތްކުރި ފަރާތްތަކުގެ ތެރޭގައި ހަސްފަތާލުގެ ޑިރެކްޓަރުވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ޕެޝަވާރުގައި ހުންނަ ޚައިބަރު ޓީޗިންގ ހޮސްޕިޓަލުގެ ތަރުޖަމާނު، ފަރުހާދު ޚާން ވިދާޅުވީ އެ ހަސްފަތާލަށް އޮކްސިޖެން ސަޕުލައި ކުރާ ފަރާތުން ގަޑިއަށް އޮކްސިޖެން ފޯރުކޮށްދީފައިނުވާތީ އެ ހަސްފަތާލުގައި ފަރުވާ ހޯދަމުންދިޔަ ހަތް މީހަކު މަރުވެފައިވާކަމަށެވެ. ޚާން ވިދާޅުވީ އޮކްސިޖަން ލިބުމުގައި މެދުކެނޑުމެއް އައުމުން ކޯވިޑް-19 ޖެހިފައިވާ 100 މީހުން ހިމެނޭގޮތަށް 200 ބަލިމީހުންނަށް އަސަރުކޮށްފައިވާކަމަށެވެ.

އޮކްސިޖެން ލިބުމުގައި ހުސްކަމެއް އައިސްފައިވާކަން ހަސްފަތާލުގައި މަސައްކަތްކުރާ ފަރާތްތަކަށް ފާހަގަވެފައިނުވާކަމަށާއި އޮކްސިޖަން ހޯދުމާއިގުޅޭކަންކަން ބަލަހައްޓާފައިނުވާކަމަށް ހާދިޘާއާއިގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އިބްތިދާޢީ ރިޕޯޓެއްގައިވަނީ ބުނެފައެވެ. އޭގެ އިތުރުން، އޮކްސިޖެން ނުލިބޭ ޙާލަތެއްގައި ބޭނުންކުރުމަށް އިތުރު އޮކްސިޖެން ހަސްފަތާލުގައި ރައްކާކޮށްފައިނުވާކަމަށްވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ހާދިޘާއާއިގުޅޭ ތަފްޞީލީ ތަހުގީގެއް ކުރާނެކަމަށް ޞިއްޙަތާއިބެހޭ ސަރަޙައްދީ ވަޒީރު، ތައިމޫރު ސަލީމް ޖަގްރާ ވިދާޅުވިއެވެ. ރޭގަނޑު އަށެއް ޖެހިއިރު ހަސްފަތާލުން އޮކްސިޖެން މަދުވެފައިވާކަން އެނގުމުން އަނެއް ދުވަހުގެ މެންދުރު 12 ޖެހުމާއިހަމައަށް މައްސަލަ ޙައްލުކުރުމަށް ހަސްފަތާލުގެ އޮފިޝަލުން ނުކުޅެދުނީ ކީއްވެކަމާއިމެދު އޭނާވަނީ ސުވާލު އުފައްދަވާފައެވެ.

ޕާކިސްތާނުގައި މިހާތަނަށް 400،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ޖެހި 8،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ހަސްފަތާލުތަކުގެ އައިސީޔޫތަކަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ބަލިފެތުރޭ މިންވަރު ދަށްކުރުމުގައި ސަރަޙައްދީ ސަރުކާރުތަކުންދަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.