ވިޔަފާރި

ދިރާގުން ރާއްޖޭއަށް އައިފޯން 6S އާއި 6S ޕްލަސް ތައާރަފްކޮށްފި


ދިރާގުން ރާއްޖޭގައި އައިފޯން 6 އެސް އާއި 6 އެސް ޕްލަސް ރަސްމީކޮށް ލޯންޗް ކޮށްފިއެވެ. މިކަމަށްޓަކައި ރޭ ދިރާގުގެ މައި އޮފީހުގެ ކުރިމަތީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.ދުނިޔޭގެ އެންމެ މަޤްބޫލު ފޯން ބްރޭންޑް ކަމަށްވާ އައިފޯންގެ އެންމެ ފަހުގެ އުފެއްދުން ރާއްޖެއަށް ތަޢާރަފްކޮށްފައި ވަނީ ރޭ ބާރަ ޖެހިއިރުއެވެ. މި މަހުގެ އެއްވަނަ ދުވަހު ދިރާގުން ހުޅުވާލި ޕްރީއޯޑަރ ކުރުމުގެ ފުރުސަތުގައި އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އަށް ޖުމްލަ ހާހަކަށްވުރެ ގިނަމީހުން ޕްރީއޯޑަރ ކޮށްފައި ވާކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. ދިރާގުން ރޭ ފަށާފައި ވަނީ ޕްރީއޯޑާރ ތަކަށް ފޯނު ހަވާލުކުރުމުގެ މަސައްކަތް ނަމަވެސް، މިއަދުން ފެށިގެން ސްޓޮކް ހުސްވަންދެން ޕްރީއޯޑަރ ނުކުރާ ފަރާތްތަކަށް ވެސް ފޯނު ގަންނަ ލިބެން ހުންނާނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ރޭ ފޯނު ހޯދުމަށް ދިރާގުގެ މައި އޮފީހުގެ ކުރިމަތީ ދިގުކިއުއެއް ހަދާފައިވެއެވެ.ދިރާގުގެ ހެޑް އޮފް މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ އައިފޯން 6އެސް އަދި 6 އެސް ޕްލަސް އަށް ދިވެހިންގެ ފަރާތުން ހީނުކުރާވަރުގެ ތަރުހީބެއް ލިބިގެން ހިނގައްޖެކަމަށެވެ. ދިރާގުން ރޭ އެންމެފަހުގެ އައިފޯން ރަސްމީކޮށް ރާއްޖޭގައި ވިއްކަންފަށާފައި ވަނީ އެޕަލްގެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ސޮފްޓް ޓަޗް މޯލްޑިވްސްއާއި ގުޅިގެންނެވެ. ސޮފްޓް ޓަޗްގެ ޑިރެކްޓަރު މުހައްމަދު ރިފާއު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ކޮންމެ ދިވެއްސަކަށް ވެސް އައިފޯނެއް ފޯރުކޮށްދިނުން ކަމަށެވެ.