ޚަބަރު

މަސްތުވާތަކެތީގެ ވަބާގައިޖެހޭ އަންހެނުންނާއި ކުޑަކުދިންދަނީ އިތުރުވަމުން - ޖެންޑަރ މިނިސްޓަރ


މަސްތުވާތަކެތި ބޭނުންކުރުން އިޖުތިމާޢީ ގިނަ މައްސަލަތަކާ ގުޅިފައިވާ ކަމަށާ، މި ވަބާގައި ޖެހޭ އަންހެނުންނާއި ކުޑަކުދިންގެ ޢަދަދު އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އަދި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ކުރިއަށްގެންދިޔަ "ޕްލޭސްހޯލްޑަރ ފޮރ މޯލްޑިވްސް މެޑިކޭޝަން އެސިސްޓެޑް ޓްރީޓްމަންޓް (އެމް.އޭ.ޓީ) ބްރީފިންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ގިނަ މަސައްކަތްކެއް ކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. އެ ގޮތުން "އެވިޑެންސް ބޭސްޑް"، "ނީޑް ބޭސްޑް" އަދި "ކޮމިއުނިޓީ ބޭސްޑް އިންޓަރވެންޝަން" ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާބެހޭ ޤައުމީ ސިޔާސަތާއި، "ސްޓްރެޓެޖިކް ޕްލޭން" އަދި "ކޮސްޓެޑް ވަރކް ޕްލޭން" އެކުލަވައިލުމާއި، އަންހެނުންނަށާއި ކުޑަކުދިންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިހާރު ކުރިމަތިވެފައިވާ އާލަމީ ވަބާގެ ތެރެއިން ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމަށާއި، އެ ގޮތުން އެ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މިފަދަ މީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި، އަވަސް ފަރުވާގެ ތެރެއިން މެޑިކަލް ޑިޓޮކްސިފިކޭޝަން ދެމުންދާކަން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

މި މަސައްކަތުގައި މަސްތުވާތަކެތި ބޭނުންކުރާ 400 އެއްހައި ފަރާތަށް ޚިދުމަތްދިނުމުގައި އެން.ޑީ.އޭއިން ހަރަކާތްތެރިވި ކަމަށާ، އެމަސައްކަތުން ވެސް އެނގިގެންދިޔައީ މި ކަން ޙައްލުކުރުމަށް އިސްލާޙުކުރަންޖެހޭ ގިނަ ކަންކަން ހުރިކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.