ޚަބަރު

ވަރޗުއަލް ޤުރުއާން މުބާރާތުގެ ފައިނަލް 343 ބައިވެރިން


ކީރިތި ޤުރުޢާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް މުބާރާތުގެ ފައިނަލް ބުރަށް 343 މީހުން ދަތުރުކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ދިގު ރާގަށް ކިޔެވުން ހުށައެޅި 34 ބައިވެރިއަކާއި ކުރުރާގަށް ކިޔެވުން ހުށައެޅި 309 ބައިވެރިއެކެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ފައިނަލަށް ދަތުރުކުރި ބައިވެރިންގެ ލިސްޓް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފައިނަލް ބުރަށް ދަތުރު ކުރި ބައިވެރިންގެ ކިޔެވުންތައް ރެކޯޑްކޮށް ފޮނުވުމުގެ ފުރުޞަތު މިމަހުގެ 13ގައި ހުޅުވާލާނެކަމަށެވެ. އަދި މިމަހުގެ 17 ގެ ނިޔަލަށް ކިޔެވުންތައް މުބާރާތުގެ ޕޯޓަލްއަށާއި ވައިބަރ ނަންބަރު 7321728 ނަންބަރަށް ފޮނުވަން ވާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފައިނަލް ބުރުގައި ކޮންމެ ބައިވެރިއަކަށްވެސް ހުށާއެޅޭނީ 1 ވީޑިއޯކަމަށެވެ. އަދި ވީޑިއޯތައް ހުށައަޅާއިރު ސމާލުވާންވީކަންކަންވެސް މިނިސްތްރީން ވަނީ އަންގާފައެވެ. މިގޮތުން ބައިވެރިޔާ އަޅާ ހެދުމަކީ އިސްލާމީ އުޞޫލްތަކާއި އެއްގޮތްވާފަދަ ހެދުމެއްކށް ވާންވާނެކަމަށާއި އެހެނިހެން އަޑުތައް ނާރާގޮތަށް ސާފުކޮށް ވީޑިއޯ ރިކޯޑްކުރަންވާނެކަމަށްވެސް އެ މިނިސްތްރީން ވިދާޅުވެއެވެ. މީގެ އިތުރުން ވީޑިއޯ ފެންނަވަރަށް އަލި ހުރުމާއި ލޭންޑް ސްކޭޕްކޮށް ވީޑިއޯ ރެކޯޑްކުރުމާއި ބެލްރައުންޑްގައި އެއްވެސް ކަހަލަ މަންޒޒރެއް ފެންނަން ހުރިގެން ނުވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ޤައުމީ ޤުރުއާން މުބާރާތް ވަރޗުއަލްކޮށް ބޭއްވުމަށް ނިންމީ ކޯވިޑް19ގެ ޙާލަތާއި ގުޅިގެންނެވެ. މި މުބާރާތްކުރިއަށްގެންދަނީ 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމަށް 3055 މީހުން ފޯމު ހުށައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް ކިޔެވުން ހުށައަޅާފައިވަނީ 2539 މީހުންނެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްގެންގޮސްފައިވަނީ އޮޑިޝަން ބުރެއްގެ ގޮތުގައެވެ.

މިފަހަރުގެ މުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން އަންހެން ފިރިހެންވަކިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ދެކެޓަގަރީން ކޮންމެ ކެޓަގަރީއަކުން ހުރިހާ ޢުމުރުފުރާއެއް އެއްކޮށް އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިހުރިހާ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމުވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.