ޚަބަރު

ކުޑަކުދިން ކުރާ ކުށަށް ދެވޭނެ އަދަބު ލުއިކުރަން މަޖިލީހުން ފާސްކޮށްފި


ކުޑަކުއްޖަކު ކުރާ ކުށަކާ ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ ތިންބައިކުޅަ ދެބައިކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ހުށައެޅި މި އިޞްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.

މިހާރު ޤާނޫނުގައި ބުނާގޮތުން ކުޑަކުއްޖަކު ކުށެއްކޮށްފިނަމަ އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ޙާލަތުގައި، އެކުއްޖާއާމެދު ފިޔަވަޅުއެޅުމަށް ޤާޟީ ނިންމަންވާނީ ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރެވޭ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓާއި، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ރިޕޯޓުގައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހުކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މަޖިލީހުން ގެނައި އިޞްލާހުގައިވަނީ ކުޑަކުއްޖަކުކުރާ ކުށަކާގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅަންވާނީ އެކުށަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ ތިންބައިކުޅަ ދެބައިކަމަށެވެ. އަދި ޤާޟީ ބޭނުންވެއްޖެ ނަމަ ޤާނޫނުގައި ބުނާ އެންމެ ކުޑަ އަދަބު ކަނޑައެޅިދާނެކަމަށްވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މަޖިލީހުން ގެނައި އިޞްލާޙުތަކުގައި ވަނީ ޖުވެނައިލް ކޯޓަށް ބެލުމުގެ އިޙްތިޞާޞް ލިބިގެންވާ މައްސަލައެއް މާލެ ނޫން ރަށަކަށް ހުށަހަޅައި ޝަރީޢަތް ހިންގަން ޖެހިއްޖެ ޙާލަތެއްގައި، އެފަދަ މައްސަލަތައް ބަލާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އިދާރީ އިންތިޒާމް ހަމަޖައްސައި، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން އެ ކޯޓަށް ހާޒިރުވާންޖެހޭނެކަމަށެވެ. އަދި ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ޝަރުޠުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުންކަމަށާއި، ޖުވެނައިލް ކޯޓާއި، ޑްރަގް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި، ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެކަމަށްވެސް ޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނައި އިޞްލާހުގައިވެއެވެ.

މަޖިލީހުން ފާސްކުރި އިޞްލާހުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުއްޖާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަހަކަށް، އަދި އެކުއްޖާ ހައްޔަރުކުރެވޭތާ ލަސްވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެކަމަށާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާމެދު ގޮތެއް ކަނޑައަޅާ މަޖިލީހުގެ އެންމެހައި އިޖުރާޢަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށެވެ.

މިދިޔަ އަހަރު ފާސްކުރި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ ބޮޑެތި މީހުންގެ މައްޗަށް ހިންގޭ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި، ކުށުގެ ރެކޯޑެއް އޮވެއްޖެނަމަ ކުއްޖާއަށް ކުރާނެ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވައި، ކުއްޖާ ކުށްކުރުން ތަކުރާރުކުރުމާ ދުރުހެލިކުރުވުމުގެ މަޤްބާދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.