ދުނިޔޭގެ ވިޔަފާރި

މިދިޔަމަހު ޗައިނާގެ އެކްސްޕޯޓަށް 21.1 އިންސައްތައިގެ ކުރިއެރުމެއް


އޮކްޓޯބަރުމަހުގެ ރިކޯޑް މުގުރާލާ މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 21.1 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

މިއީ އޮކްޓޯބަރމަހު އެކްސްޕޯޓް ކުރިއެރި 11.4 އިންސައްތައާއި އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޗައިނާއިން އޮކްޓޯބަރުމަހު 60 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކުރާނެކަމަށް ލަފާކުރިއިރު، މިދިޔަމަހު އެ ޤައުމުން ވަނީ 75.42 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައެވެ. މިއާއެކު ނޮވެމްބަރުމަސް ވެގެންގޮސްފައި ވަނީ މިދިޔަ 20 މަސްދުވަހުގެ ތެރެއިން ޗައިނާއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި މަހަށެވެ. މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 21.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު މިއީ ކުރިން ލަފާކުރި 12 އިންސައްތައަށްވުރެ 9.1 އިންސައްތަ އިތުރު އަދަދެކެވެ.

ކޯވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދު ހީނަރުވެ ޗައިނާއަކީ ހެޔޮ އަގެއްގައި މުދާ އެކްސްޕޯޓްކުރާ ޤައުމެއްކަމަށްވުމީ އެ ޤައުމުގެ އިޤްތިޞާދަށް ކުރިއެރުމެއް ލިބުނު އެއް ސަބަބުކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެ ޤައުމުން މިދުވަސްވަރާއި ދިމާކޮށް މެޑިކަލް ސަޕްލައިސް އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށްފައިވުމަކީވެސް މިފަދަ ކުރިއެރުމެއް ހޯދި އެއް ސަބަބެވެ. އެގޮތުން އޮކްޓޯބަރުމަހަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޗައިނާގެ ކާރުޚާނާތަކުގެ މަސައްކަތް އެންމެ ބާރު ދުވެލީގައި ކުރިއެރި މަސްކަމަށް ސަރވޭތަކުން ދައްކައެވެ.

މިދިޔަ މަހު ޗައިނާގެ އެކްސްޕޯޓް 21.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، އިމްޕޯޓްގެ އަދަދު ވަނީ 4.5 އިންސައްތަ އިތުރުވެފައެވެ. މިއީ އޮކްޓޯބަރުމަހުގެ 4.7 އިންސައްތައިގެ ކުރިއެރުމަށްވުރެ 0.2 އިންސައްތަ ދަށް އަދަދެކެވެ. އެހެންނަމަވެސް، އިމްޕޯޓްގެ އަދަދު ދަށްނުވެ ހިފަހައްޓާލެވުމަކީ ޗައިނާގެ އިޤްތިޞާދުގެ ވަރުގަދަކަން ހާމަކޮށްދޭކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޯވިޑްގެ އެންމެ ފުރަތަމަ ފެނި ބަންދުކުރަންޖެހުނު އިޤްތިޞާދުކަމުގައިވާ ޗައިނާގެ އިޤްތިޞާދަކީ ކޯވިޑްގެ ޙަލަތުން އަރައިގަތުމުގައިވެސް އެންމެ ކާމިޔާބު އިޤްތިޞާދެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ހަމައެކަނި ފައިދާގައި އަހަރު ނިންމާލާނެ ޤައުމަކީ ޗައިނާކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.