ދުނިޔޭގެ ވިޔަފާރި

ލުފްތަންސާ ދަރަނިވެރިވެ، 39000 މުވައްޒަފުން ވަކިކުރަނީ


ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން އެ ކުންފުނީގެ 39 ހާސް މުއައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

ލުފްތަންސާއިން މީގެ ކުރިން ވަނީ ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ، ފިނި މޫސުމުގައި ބާއްވަން ނިންމާފައިވާ ދަތުރުތަކުގެ އަދަދުވެސް މަދުކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބޮޑު ފައިދާއެއްގައި ހިންގި ލުފްތަންސާއިން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ކޯވިޑްގެ ސަބަބުން އެއަރލައިންއަށް ފައިދާއެއް ނުވެ، ހޫނު މޫސުމުގައިވެސް ގެއްލުމުގައި އޮޕަރޭޓް ކުރަންޖެހުމުންނެވެ. މި ގެއްލުމުގެ ސަބަބުން މިއަހަރު ނިމުމުގެ ކުރިން 29 ހާސް މުވައްޒަފުން ވަޒީފާއިން މަދުކުރަން މަޖުބޫރުވެފައިވާއިރު، އަންނަ އަހަރުގެ ތެރޭގައިވެސް އިތުރުން 10 ހާސް މުވައްޒަފުން ވަކިކުރަން ޖެހޭނެކަމަށް ލުފްތަންސާއިން މަޢުލޫމާތުދެއެވެ. ލުފްތަންސާއިން ވަނީ ޖަރުމަނު ސަރުކާރުންދޭ މާލީ އެހީގައި އިދާރީ މުވައްޒަފުން ކުންފުނީގައި ދަމަހައްޓާނެކަން ހާމަކޮށްފައެވެ.

ލުފްތަންސާއިން އަޅަން ނިންމި ފިޔަވަޅުތަކާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ވަނީ މިއަހަރު ނިމުމުގެ ކުރިން ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ އަދަދު އެއް ލައްކަ ނުވަ ހާސްއަށް މަދުކުރާނެކަމަށް ބުނެފައެވެ. މިގޮތުން ޖަރުމަނު ނޫން އެހެން ޤައުމުތަކުގައި މަސައްކަތްކުރާ 20 ހާސް މުވައްޒަފުންނާއި، ލުފްތަންސާގެ ކޭޓަރިން ކުންފުނި އެލްއެސްޖީ ކުންފުނީގެ 7500 މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ލުފްތަންސާއިން ހާމަކުރެއެވެ.

ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ފިނި މޫސުމުގައި ކުރަން ރާވާފައިވާ ދަތުރުތަކުގެ އަދަދުވެސް ވަނީ މަދުކޮށްފައެވެ. އެގޮތުން މިއަހަރުގެ ފިނިމޫސުމުގައި އޮަޕަރޭޓްކުރާނީ މިދިޔަ އަހަރު އޮަޕަރޭޓްކުރި ދަތުރުތަކުގެ 25 އިންސައްތަކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

ލުފްތަންސާއިން ވަނީ އަލަށް ގެނައި ބަދަލުގެ ދަށުން ލުފްތަންސާގެ ދަށުން ހިންގާ ޔޫރޯ ވިންގްސްއާއި، ސްވިސް، އޮސްޓްރިއަން އަދި ބްރަސަލްސް އެއަރލައިނުން 125 އަށްވުރެ ގިނަ މަތިންދާ ބޯޓު މި މޫސުމުގައި އެއްވެސް ވަރަކަށް އޮޕަރޭޓް ނުކުރާނެކަމަށް ބުނެފައެވެ. އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ދަތުރުފަތުރު އެންމެ ގިނަވާ ފިނި މޫސުމުގައިވެސް މިއަހަރު ދަތުރުތައް އެކަށޭނަގޮތެއްގައި ކުރިނާރާނެކަމަށް ލުފްތަންސާއިން ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި ލުފްތަންސާ އެއަރލައިންނަށް 1.6 ބިލިއަން ޔޫރޯގެ ގެއްލުމާއި ކުރިމަތިލާންޖެހިފައިވާއިރު، މި ސަބަބަށްޓަކައި ގިނަ މަތިންދާބޯޓުތަކެއް އެއްފަހަރާ އޮޕަރޭޓްކޮށް ޚަރަދު ބޮޑުކުރުމުގެ ބަދަލުގައި އިޤްތިޞާދީ މި ކާރިސާއިން ކުރާ އަސަރު ކުޑަކުރުމަށް އަމާޒު ހިފާފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ.