މޫސުން ކުރިއަށްލަފާކުރާ ގޮތް ދެނެގަތުމަށް ހަރުކުރާ އޮޓޮމެޓިކް ވެދަރ ސްޓޭޝަންގެ އިތުރު 6 ސްޓޭޝަން ރާއްޖޭގެ މޫސުމީ ވިއުގައަށް އިތުރުކޮށްފިއެވެ. މިއާއެކު ރާއްޖޭގެ މޫސުމީ ވިއުގައިގެ ތެރޭގައި 42 އޮޓޮމެޓިކް ވެދަރ ސްޓޭޝަން މިހާރު ހުންނާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވެއެވެ.
ކްލައިމެޓް ފަންޑުގެ ދަށުން ރާއްޖޭގައި އިތުރަށް ޤާއިމުކުރާ 6 ވެދަރ ސްޓެޝަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ މިސްޓޭޝަންތައް ޤާއިމުކުރުމަށް ނިންމާފައިވަނީ މޫސުން ލަފާކުރުމުގައި ޑޭޓާ އެއްކުރުމަށް އެންމެ ބޮޑަށް ދަތިތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގައިކަމަށެވެ. އަދި މިސްޓޭޝަންތަކާއެކު ރާއްޖޭގެ މޫސުން ދެނެގަތުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޑު: "މިމަސައްކަތް 30 ދުވަހުގެ ތެރޭގައި ނިމިގެންދާއިރު ރާއްޖޭގެ މޫސުން ލަފާކުރުމުގައި މިހާރު ހުރި ދަތިތައް ކުޑަކުރެވި މޫސުން ދެނެގަތުމަށް ފަސޭހަވާނެ. ރާއްޖެ ފަދަ ޤައުމަކަށް މޫސުން ދެނެގަނެވުމަކީ މުހިއްމުކަމެއް. ގިނަ ބަޔަކު މިހާރު މޫސުން ދެނެގަތުމަށް މަސައްކަތްކުރޭ." އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވިއެވެ.
މޫސުމީ ވިއުގައަށް އިތުރުކުރާ 6 އޮޓޮމެޓިކް ވެދަރ ސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ.އަލިފުއްޓާއި ރ. ދުވާފަރާއި، ފ.ބިލެއްދޫއާއި ށ.ކޮމަންޑޫއާއި އދ.މަހިބަދޫގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫގައެވެ. މިއީ ގްރީން ކްލައިމެޓް ފަންޑުގެ ދަށުން ހަރުކުރާ އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެކެވެ.
ރާއްޖޭގެ މޫސުމީ ވިއުގަ ވަރުގަދަ ކޮށް ވީހާވެސް ސައްޙަކަން ބޮޑުކޮށް މޫސުން ކުރިއަށް ލަފާކުރުމުގައި މި ވެދަރ ސްޓޭޝަންތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވެއެވެ. ވެދަރ ސްޓޭޝަންތައް ރާއްޖެއަށް ސަޕްލައިކުރަނީ އެއްލައްކަ ނަވާރަހާހަށްވުރެ ގިނަ ޔޫރޯއަށް އިޓަލީގެ ސީ.އޭ.އީ އެސްޕީއޭ ކުންފުނިންނެވެ. މިސްޓޭޝަންތައް ހަރުކުރުމަށް ހަތްލައްކަ ތިރީސް ހަތްހާހަށްވުރެ ގިނަ ރުފިޔާއަށް ޚަރަދުވާނެ ކަމަށާއި މިސްޓޭޝަންތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ މެކްސްޓަރ މޯލްޑިވްސްއާއި ޙަވާލުކޮށްގެންނެވެ. މުޅި މަސައްކަތަށް ޖުމްލަ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވި މޫސުން ލަފާކުރުމުގައި އިތުރަށް ފަސޭހަވެގެންދާނެކަމަށް އެއިދާރާއިން ފާހަގަކުރައްވައެވެ.