ޚަބަރު

އިލެކްޝަނުން ކަނޑައަޅާ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ފުރުޞަތު ދޭންޖެހޭ: އަލީ ނިޔާޒު


އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދޭންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަނަށް ފޯރުކޮށްދޭންޖެހޭ އެއްބާރުލުންދީ، އިންތިޚާބް ކަނޑައެޅިފައިވާ ތާރީހުގައި ބޭއްވުމަކީ ލާމަރުކަޒީ ޤާނު ތަންފީޒުކުރުމުގެ ގޮތުންވެސް މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަފައެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނަށް އިންތިޚާބް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައްވުމުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ލިބެމުންނުދާކަމަށް ނިޒާޔު ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ގެނެސްފައިވާ ބޮޑެތި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ބާރުވެރިކަން ދޫކޮށްލެވިފައިނުވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެ ފުރަބަންދު ވެފައި ވުމުންކަމަށް ނިޔާޒް ވިދާޅުވިއެވެ. ނަމަވެސް ދެން އިތުރަށް އިންތިޚާބް ފަސްކޮށްފިނަމަ ރާއްޖެއަށް ލިބިގެންދާނީ ގެއްލުންކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ސަރުކާރުގެ އިދާރާތަކުން އިލެކްޝަން ކޮމިޝަނުން މިހާރު އިންތިޚާބް ބާއްވަން އިއުލަން ކޮށްފައިވާ ތާރީޚުގައި މިއިންތިޚާބް ބޭއްވޭނެ އިންތިޒާމު ހަަޖައްސަން ދޭންޖެހޭބެކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި އެކަމަށް ޤާނޫނީ ހުރަހެއް އޮތްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިންތިޚާބު ބޭއްވުމަށް އިދާރީ ކަންކަން ކުރުމަށް އެޗްޕީއޭއާއި ކަމާއިބެހޭ އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ދޭންޖެހޭ" އަލީ ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާގޮތުން ކެމްޕެއިން ކުރުމަށް 1 މަސް ދުވަހުގެ މުއްދަތެއް ދޭންޖެހުނު ކަމުގައިވީނަމަވެސް އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވުމަކީ އިލެކްޝަނުން ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތްތަކެއްކަމަށެވެ. އަދި އެކަން ކުރުމަށް އެއްވެސް ހުރަހެއް މިހާރު އޮތުމަކީ އިންތިޚާބް ބޭއްވުމަށް އެޅިގެންދާނެ ހުރަހެއްކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.

ކައުންސިން އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާއި ގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބެވޭގޮތަށް ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ނުދީީފިނަމަ އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އިލެކްޝަން ކޮމިޝަނުން ދަނީ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.