ވިޔަފާރި

ކުޑަކުދިންގެ ކާނާގެ ބާވަތްތައް ޤަވާއިދާއި ޚިލާފަށް ވިއްކާނަމަ ފިޔަވަޅު އަޅަނީ


ކުޑަކުދިންގެ ކާނާގެ ބާވަތްތައް ޤަވާއިދާ ޚިލާފަށް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ދިވެހި ރާއްޖޭގައި ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ކާނާގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ގަވާއިދާއި ހިލާފަށް އަމަލުކުރަމުންދާކަން އެ އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ރަޖިސްޓްރީނުކުރާ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި، އިމްޕޯޓް ކުރާ ބާވަތްތައްވެސް ރަޖިސްޓްރީ ނުކޮށް ވިއްކަން ހުންނަކަން ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ވިއްކުމަށް ހެލްތް މިނިސްޓްރީން ވަނީ އަންގާފައެވެ. މިހާރު ރަޖިސްޓްރީ ކޮށްގެން ވިއްކަން ހުރި އުފެއްދުންތަކުގެ ލޭބަލްތައްވެސް އެ އޮތޯރިޓީން ފާސްކޮށްފައިވާ ލޭބަލް އާއި އެއްގޮތަށް އިސްލާހުކުރުމަށްވެސް ވަނީ އަންގާފައެވެ.

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހި ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރިގައި ބޭނުންކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އިންޕޯޓް ކުރުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އަންގާފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. މިގޮތުން ރަޖިސްޓްރީކުރާ އުފެއްދުންތައް އިމްޕޯޓްކުރުމަށްފަހު، އެ އުފެއްދުން ފޯރުކޮށްދިނުމާއި، ވިއްކުމާއި އަދި ވިއްކަން ބެހެއްޓުމުގެ ކުރިން އެ އޮތޯރިޓީން ފާސްކޮށްފައިވާ ލޭބަލްއާ އެއްގޮތަށް ލޭބަލް ކުރަންވާނެކަމަށާއި އަދި އެ ލޭބަލްގައި އިންޕޯޓްކުރި ފަރާތްވެސް ހިމަނަންވާނެކަމަށް އަންގާފައިވެއެވެ.

މި ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ނުވަތަ މިހާރު ވިއްކަން ހުރި ބާވަތްތަކުގެ ރަޖިސްޓްރީ ރަނގަޅު ކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުހުލަތެއް ދީފައެވެ. އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މި ތާރީހުގެ ފަހުން ޤަވާއިދާ ހިލާފަށް ލޭބަލްކޮށްފައިވާ އުފެއްދުންތައް ވިއްކަން ބަހައްޓާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.