ވިޔަފާރި

ހޮނިހިރުދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ރެކޯޑު އަދަދަކަށް ފްލައިޓް ޖައްސައިފި


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު މިދިޔަ ހޮނިހިރު ދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 352 އަރައެވެ. އަދި އެދުވަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައިސްފައެވެ. އެގޮތުން އެދުވަހު އެ އެއަރޕޯޓަށް އައި ފަތުރުވެރިންގެ އަދަދު 3001 އަށް ވުރެ ގިނައެވެ. މިއާއެކު ދުވަހަކީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ އެދުވަހު ރާއްޖެއިން 2000 އަށް ވުރެ ގިނަ ފަތުރުވެރިން ފުރާފައިވާ ކަމަށެވެ. ހަސަން ވަނީ އެދުވަހު ރާއްޖެއަށް އާ ދެ އެއަރލައިނަކުން ދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

"އިންޓަރނޭޝަނަލް ޑިޕާރޗަރއަށް ބަލާއިރުވެސް 5 ޑިސެމްބަރުގައި 2،817 ފަސިންޖަރުންވަނީ ޑިޕާޓުކޮށްފައި، އެދުވަހު އާ ދެ އެއަރލައިންވެސް ރާއްޖެއަށްވަނީ އައިސްފައި، އެއަރ އަސްތާނާއާއި އެއަރ ސީޝެލްސް އަދި ބްރިޓިޝް އެއަރލައިންސުންވަނީ އެދުވަހު އަލުން ދަތުރުތައް ފަށާފައި،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ނިމުނުމަހު ރާއްޖެއަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދުވެސް 50 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

"އެއަރ ޓްރެފިކް މޫވްމަންޓްސްވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައި، ނޮވެމްބަރުމަހު މިއުޅެނީ 1804 އެއަރކްރާފްޓް މޫވްމަންޓް މިއުޅެނީ އޮކްޓޫބަރުމަހު ނިމުނު އިރު ރެކޯޑު ކުރެވިފައިވަނީ 1191 މޫވްމަންޓު،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް މިއަހަރުތެރޭ އެއް ލައްކަ ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒް، މިމަހުގެ މެދުތެރޭ ހާސިލްކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށް ހަސަން ވިދާޅުވިއެވެ.

ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ލިބިފައެވެ. އަދި ޔޫއެންޓަބްލިއުޓީގެ ސޭފްޓީ ޓްރެވަލް ސްޓޭމްޕް، އޭސީއައި ސޭފްޓީ އެކްރެޑިޓޭޝަން ރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ. މިފަދަ ކާމިޔާބީތަކާއި އެކު އެއަރލައިތަނުންނާއި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދާކަމަށްވެސް ހަސަން ވިދާޅުވިއެވެ.