ޚަބަރު

އަމީނުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީގައި އެދެން ނިންމައިފި


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން ޢަމަލު ކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވައި، އޮޅުވާލެއްވިކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީން ނިންމިގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ އިިމްތިޔާޒުތަކުގެ ޤާނޫނުގައި ބުނާ ގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުންފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަަލަށްލުމެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ޙަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯގެ އިރުޝާދާއެކު ޙަވާލުކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބަލާފައިވަނީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވަނިކޮށް ހެލްތު މިނިސްޓަރުކަމުގެ މަޤާމުން އަބްދުﷲ އަމީންވަނީ އިސްތިއުފާ ދެއްވާފައެވެ.

އެގްޒެކިއުޓާސްއާއެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އަދި ލިބިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.