ވިޔަފާރި

ދިއްފުށި ފަތުރުވެރިންނަށް ހުޅުވާލުން : ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް


ބޯޑަރު ހުޅުވާލިފަހުން ކ އަތޮޅު ދިއްފުށްޓަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ފުރަތަމަ ގުރޫޕަށް ދިއްފުށިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު ދިއްފުއްޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިން އައިސްފައިވަނީ އިއްޔެއެވެ.

ގެސްޓްހައުސް ހުޅުވުމާއިއެކު ދިއްފުއްޓަށް އައި ފުރަތަމަ ފަތުރުވެރިންގެ ގުރޫޕްގައި ހިމެނެނީ އަންހެނަކާއި ފިރެހެނެކެވެ. މި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ދިވެހިވަންތަ ޙާއްސަ ހަރަކާތްތަކެއް ރަށުގެ ރައްޔިތުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދިވެހި ބޮޑުބެރާއިއެކު މި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އަޒީމް ވިދާޅުވީ، މިހާރުވެސް ބައެއް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައަށް އެދި ޕްރޮސެސިން މަރުހަލާގައި އެބަހުރިކަމަށެވެ.

ކައުންސިލުން ބެލުމަށްފަހު ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމުން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޫކުރަނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

އަޒީމް ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވިނަމަވެސް ގައިޑްލައިންއަށް ރައްޔިތުން އަމަލުކުރަންޖެހޭނެކަމަށެވެ. އިޤްތިސާދީ އަޑިގުޑަންތަކުން އަރައިގަނެގެން ކުރިއަށްދެވޭނީ އެއަށް އަމަލުކުރާނަމަކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްފުށީގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ނިންމާފައިވަނީ ކައުންސިލްގެ އަޤުލަބިއްޔަތުން އެކަމަށް ފާސްވުމުންނެވެ.

ދިއްފުށި އަލުން ލޯކަލް ޓުއަރިޒަމްއަށް ހުޅުވާލުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވެސް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ދިއްފުށީގެ 3 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އަރާމު ހޮލިޑޭސް އެންޑް ސްޕާއާއި، ކްލަބް ކާފުގެ އިތުރުން އިންފިނިޓީ ދިއްފުށިއެވެ. ދިއްފުށީގައި 22 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 109 ގެސްޓްހައުސްއެއް އަލުން ހުޅުވައި ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ. އެޗްޕީއޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.