ޚަބަރު

ކާމިޔާބާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤް - ރައީސް


ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤުކަމަށާ، އެހެންކަމުން ކޮންމެ ކުޅުންތެރިއަކީވެސް، ދީނީގޮތުންނާއި އަޚްލާޤީގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ނޭޝަނަލް މާޝަލް އާރޓްސް ސެންޓަރާއި ހުޅުމާލެ ޓީ.ޓީ. ހޯލް ހުޅުވުމަށް މިއަދު ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެށްޓެވީ ކުޅިވަރުގެ ރޮނގުން ކުރައްވާ އުންމީދުތައް ހުރީ އުހުގައިކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކުޅިވަރުގެ ރަން ވަނަތައް ބޭނުންވާކަމަށާ، ނަމަވެސް އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތްކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށެވެ.

ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޙަޤީޤީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން ފެނިގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބަކީ، ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް ނެތުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުޅިވަރު ތަރައްޤީކުރުމުގައި ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ތަރައްޤީކޮށްދިނުންކަމަށާ، ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ކުޅުންތެރިންނަށް ހޯދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ތެރެއިން، މިއަދު މިހުޅުވޭ އާ ވަސީލަތްތަކަކީ، ޓީ.ޓީ. އާއި މާރޝަލް އާރޓްސްއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުޞަތުތަކެއް. މިއަދު މި ހުޅުވޭ ޤައުމީ މާރޝަލް އާރޓްސް ސެންޓަރުގެ އިތުރުން، މާރޝަލް އާރޓްސް އެސޯސިއޭޝަނެއް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޤާއިމުކުރެވިގެންދާނެ. އެ އެސޯސިއޭޝަން ޤާއިމުވެ، މާރޝަލް އާރޓްސްއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ނަމުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ވަރަށް ގިނަ ޒުވާނުން އެބަތިބިކަން އަޅުގަނޑަށް ހަމަ ޔަޤީން. އެފަދަ އުންމީދީ މޫނުތަކެއް، މިތަނުންވެސް އަޅުގަނޑަށް އެބަ ފެނޭ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީގެ ހަނދާން އައުކުރައްވާފައެވެ. ޚާއްޞަކޮށް، ޓޭބަލް ޓެނިހާއި ބެޑްމިންޓަނުން ހޯދި ހަތަރު ރަން މެޑެލް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ، މިއަދު މިހުޅުވޭ ޓީ.ޓީ ހޯލަކީ، ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭނެ އިތުރު ކުޅުންތެރިން އުފައްދާނެ ތަނަކަށް ވާނެކަމަށް. މީގެ އިތުރުން، މާލޭގައި ނޭޝަނަލް ޓީ.ޓީ ސެންޓަރެއް ޤާއިމުކުރުމަށް، މިހާރު ވަނީ ބިމެއް ކަނޑައަޅާފައި. އަދި އެ މަސައްކަތް، އަންނަ އަހަރު އިރާދަކުރެއްވިއްޔާ ފެށޭތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. މީގެ ކުރިން ބައިނަލްއަޤްވާމީ ބައެއް ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވައިފި. އަޅުގަނޑުމެންގެ އަމާޒަކީ، ދެންމެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވިފަދައިން، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ މުބާރާތެއް ބޭއްވުން. އެ ފުރުޞަތު ލިބޭތޯ، މިނިސްޓަރ މިހާރުވެސް އެބަ ގެންދަވާ މަސައްކަތް ކުރައްވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިދިޔަ މަހު އޮންލައިންކޮށް ބޭއްވި، ބައިނަލްއަޤްވާމީ ޗެސް މުބާރާތްކަމަށްވާ "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޮރ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020"ގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ރަން މެޑެލް ހޯދިކަން ފާހަގަކުރައްވައި އެކުދިންނަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. މިއީ ބައިނަލްއަޤްވާމީ ޗެސް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ލިބުނު ފުރަތަމަފަހަރުކަން ފާހަގަކުރައްވައި ރައިސް ވިދާޅުވީ މިއިން އެނގިގެން ދިޔައީ، ކުޅިވަރު ވަސީލަތްތައް ފަހިކޮށްދެވޭވަރަކަށް، ދިވެހި ޒުވާނުންގެ ކަރުގައި އެޅޭ ރަން މެޑެލްތައް އިތުރުވެގެންދާކަންކަމަށެވެެ.

"އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ. އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައި. ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތް. މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރުން. އެކަމަށް ބޭނުންވާ ބިންވެސް، މިނިސްޓަރ ދެންމެ އެ ވިދާޅުވިފަދައިން، މިހާރު އޮތީ ކަނޑައަޅާފައި. މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް. އެކަން ނިމުމާއެކު، އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ރަން މެޑަލާއި ކާމިޔާބަށް އުންމީދު ކުރަންވާނީ އެކަމަށް އެކަށޭނަ މިންވަރަށް ވަސީލަތްތައް ތަރައްޤީކޮށްދީ ކުޅުންތެރިން އުފައްދައިގެންކަމަށެވެ. އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި ފަހިކޮށްދީގެންކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން." ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ތަރައްޤީކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކުޅުންތެރިންނަށާ، އެ ކުޅުންތެރިންގެ ބެލެނިވެރިންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށްރައީސް އެދިވަޑައިގެންނެވިއެވެ. ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ގެންގޮސްދޭ އެންމެ ވަރުގަދަ ބާރަކީ، ރަނގަޅު އަޚްލާޤެއްގެ މަތީގައި ސާބިތުވެހުރުންކަމަށާ، ކޮންމެ ކުޅުންތެރިއަކީވެސް ދީނީގޮތުންނާއި އަޚްލާޤީގޮތުން ރީތި ނަމޫނާއެއް ދައްކާ ޒުވާނަކަށްވުމަށް ރައީސް ގޮވާލެއްވިއެވެ.