ވިޔަފާރި

ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރަށްރަށުުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ރަށްރަށުުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެރަށެއްގައި ޙަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތް ކުރައްވާ ޖަމްޢިއްޔާތައް މެދުވެރިކޮށް ކަމަށެވެ.

ތަމްރީނު ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ ބަޖެޓާއި މިނިސްޓްރީގެ ފަންނީ މުވައްޒަފުން ތިބި މިންވަރަކުން ވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް އެމިނިސްޓްރީން ވަނީ ނިންމާފައެވެެ. އަދި ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަށާފައިވާނަމަ ކޯސް ހިންގުމަށް އެދި ހުށަހަޅާ ފޯމުގައި ދީފައިވާ މައުލޫމާތު ތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާ ކަމަށް މިނިސްޓްރީއަށް ފެންނަ ރަށްތައް ކަނޑައަޅާ އެރަށްރަށުގައި އަންނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދެވޭނެ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

އެގްރިކަލްޗަރ މިިނިސްޓްރީގެ ތަމްރީނު ޕްރޮގްރާމްތައް ބައްޓަން ކުރެވޭނީ އެރަށެއްގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެރަށަކަށް އެންމެ އެކަށީގެންވާނެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތަކަށެވެ. ދަނޑުވެރިކަމުގެ މި ތަމްރީނު ޕްރޮގްރާމްތަކުގެ ދިގުމިނަކީ 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ފޯރުކޮށްދޭ ޙާއްސަ ހޮޓްލައިނެއްވެސް މިއަހަރުތެރޭގައި ވަނީ ޤާއިމްކޮށްފައެވެެ.

ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަމްރީނު ދިނުމަށް މިހާރުވެސް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށަށް އެ މިނިސްޓްރީގެ ފަންނީ ބޭފުޅުން ޒިޔާރަތްކޮށް ދަނޑުވެރިކަން ކުރަންވީ ރަނގަޅު ގޮތްތައް އަންނަނީ ބުނެދެމުންނެވެ.