ސިޔާސީ

އެމްއެމްޕީއާރުސީގެ ޙިޔާނާތް : ކްރިކް ރިޒާ ފައިސާ ގެންނާނެކަމަށް ޔާމީން އެންގެވި


ސަން އިންވެސްޓްމަންޓްސް މެދުވެރިކޮށް މަނީ ލޯންޑަރ ކުރި ފައިސާ ކްރިކް ރިޒާ ގެންނާނެކަމަށް ރައީސް ޔާމީން އެންގެވިކަމަށް ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ތަހުޤީގުގައި ބުނެފައިވާކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނެފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައެވެ.

މި މައްސަލާގައި ދައުލަތުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީނާއި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ދައުވާ އުފުލާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.18 މިލިއަން ޑޮލަރު ހޯދާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ ލޯންޑަރކޮށްފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދައްކައިގެންކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

ރިޝްވަތުން ހޯދި ފައިސާކަމެއް ނޭނގޭ

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ސަން ކުންފުނީގެ ފަރާތުން ވާހަކަ ދައްކަމުން އެކުންފުނީގެ ވަކީލު ވިދާޅުވީ މި މައްސަލާގައި ހިމެނޭ ފައިސާއަކީ ރައީސް ޔަމީން ރިޝްވަތުގައި ހޯދި ފައިސާއެއްކަން ބުނެދޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ އެހެން އެއްވެސް ހެއްކެއް ހުށައަޅާފައިނުވާކަމަށެވެ. އަދި އެ ފައިސާއަކީ މަނީ ލޯންޑަރކޮށްފައިވާ ފައިސާއެއްކަން އެއްވެސް އިދާރާއަކުން ކަނޑައަޅާފައިނުވާކަމަށާއި އެހާ ބޮޑު އަދަދެއް ޖަމާވުމުން އެމްއެމްއޭ ނުވަތަ އެއްވެސް ބޭންކަކުން ސަރުކާރުގެ ކަމާއި ގުޅޭ އެއްވެސް އިދާރާއަކަށް އެކަން އެންގިކަން އެގެންނެތް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އަދި ދައުލަތުން ދައުވާ އުފުލާފައިވަނީ މި ފައިސާ އަހްމަދު ކްރިކް ރިޒާގެ އެކައުންޓްގައި ހުންނަތާ އެތައް ދުވަހެއް ފަހުން ކުރި މުއާމަލާތެެއްގެ މައްޗަށްކަމަށް ވަކީލު ވިދާޅުވިއެވެ.

ފައިސާ ކްރިކް ގެންނާނެކަން ޔާމީން އެންގެވި

މި ވާހަކަތަކަށް ރައްދުދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ތަހުޤީގަށް ދީފައިވާ ބަޔާންތަކުން މި ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަމާއި މި ފައިސާ ލޯންޑަރކޮށްފައިވާކަން އެގެން އެބައޮތްކަމަށެވެ. މިގޮތުން ރ. ފުއްގިރި ކުއްޔަށްދީގެން ލިބުނު ފައިސާއިން 1.18 މިލިއަން ޑޮލަރު ކްރިކް ރިޒާ ގެންނާނެކަން ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދަށް ރައީސް ޔާމީން އެންގެވިކަމަށް ތަހުޤީޤްގައި ކިޔާދީފައިވާކަމަށް ދައުލަތުން ފާހަގަކުރިއެވެ.

މި ފައިސާ ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއްކަން ދައްކަން މަސައްކަތްކުރިއިރު، އެ ކުންފުނިތަކަކީ ޑޮލަރު މާރުކުރުމުގެ ހުއްދަ އޮންނަ ކުންފުނިތަކެއްވެސް ނޫންކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި މިފައިސާ ކްރިކް ރިޒާގެ އެކައުންޓްގައި ގިނަދުވަހު ބެހެއްޓުމަށްފަހު މުއާމަލާތުކޮށްފައި ވަނީ މި މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ދެއްކުމަށްކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ހިޔާލީ ދައުވާއެއް

ސަން ކުންފުނީގެ ފަރާތުން ވަނީ ދައުލަތުން އުފުލާފައިވާ ދައުވާއަކީ ހިޔާލެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހިޔާލީ ދައުވާއެއްކަމަށް ބުނެ އެ ދައުވާއަށް ވަނީ އިންކާރުކޮށްފައެވެ. މި މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

ސަން ކުންފުންޏަކީ ކުރީގެ ރައީސް ޔާމީނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އެމްޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރި ކުންފުންޏެކެވެ. އަދި ޔާމީންގެ ވެރިކަމުގައި ސަރުކާރުން ގެރެންޓީ ދީގެން ސަން ކުންފުންޏަށް ވަނީ ބޭރުން ލޯނުތަކެއްވެސް ހޯދައިދީފައެވެ. އަދި ޔާމީން ވެރިކަމުގައި ޕީޕީއެމާއި އެމްޑީއޭއިން ކޯލިޝަނެއްވެސް ހަދާފައިވެއެވެ. އެހެންނަމަވެސް 2018ގެ ރިޔާސީ އިންތިޚާބާއި ވަރަށް ގާތްވެފައިވަނިކޮށް ކޯލިޝަންގައި މައްސަލަޖެހި އެމްޑީއޭ އެ ކޯލިޝަނުން ވަނީ ވަކިވެފައެވެ.

މިހާރުވެސް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި މައްސަލާގައި ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ މަނީ މަނީލޯންޑަރކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.