މުނިފޫހިފިލުވުން

އިންޑިއަން އައިޑަލް ޖޫނިއަރގެ ކްރިއޭޓިވް ޑައިރެކްޓަރ ރާއްޖެއަށް


މަޝްޙޫރު ރިއަލިޓީ ޓީވީ ޝޯވ އިންޑިއަން އައިޑަލް ޖޫނިއަރގެ ކްރިއޭޓިވް ޑައިރެކްޓަރ ސަތިޝް ދަތު ރާއްޖެ އަތުވެއްޖެއެވެ. އޭނާގެ މިދަތުރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ ފުރަތަމަ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ އޮޑިޝަންތައް ކުރިއަށްދާގޮތް ބަލާލުމަށް ކުރާދަތުރުރެކެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްގެ ޕްރޮޑަކްޝަން ޓީމާއި ބައްދަލުކުރުމުގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އޮޑިޝަންގައިވެސް ސަތިޝް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ސަތިޝްއަކީ އިންޑީޔާގެ ޓީވީ ބްރޯޑްކާސްޓިންގ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ގްރޫޕްކަމަށްވާ "ޒީ ނެޓްވޯރކް"ގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށް، އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދަފައިވާ ވަރަށްވެސް ކުޅަދާނަ ޑައިރެކްޓަރެކެވެ. ސަތިޝް ޒީ ނެޓްވޯކާއި އެންމެ ފުރަތަމަ ގުޅުނީ 2004 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ޒީ ނެޓްވޯރކްގައި މަސައްކަތް ކުރި ދުވަސްވަރު އޭނާ ވަނީ އިންޑިޔާގެ ގިނަ ރައްޔިތުންތަކެއް ބަލައިގެންފައިވާ މަޝްހޫރު ޝޯވތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ޒީ ނެޓްވޯކްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު ސަތިޝް މިހާރު މަސައްކަތް ކުރަމުންދަނީ މަޝްހޫރު ރިއަލިޓީ ޝޯވއެއްކަމަށްވާ "ޕޮޕް އައިޑަލް" ފްރެންޗައިޒް އުސޫލުން ދުނިޔޭގެ އެކި ޤައުމުތަކުގައި ދައްކަމުން އަންނަ އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ ފްރެމެންޓަލް މީޑިއާގައެވެ. އެގޮތުން އިންޑިއަން އައިޑަލް ސީޒަން 5 އަދި 6 އިތުރުން އެކްސް ފެކްޓަރ އިންޑިއާ - ސީޒަން 1 އަދި އިންޑިއަން އައިޑަލް ޖޫނިއަރ ފަދަ މަޤްބޫލު ޝޯތަކުގައި ކްރިއޭޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށް ސަތިޝް ވަނީ ގިނަ ބެލުންތެރިންތަކެއްގެ ތާއީދާއި ލޯބި ހޯދާފައެވެ.