ތަޢުލީމު

އިނާމުދިނުމުގެ ޖަލްސާތައް ވީވަރަކުން ލައިވްކުރާނެ - އެމްޑީ ހަލީލް


ދަރުމަވަންތަ
ސްކޫލުގެ ނިމިދިޔަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް 10
ސީގެ ދަރިވަރު މުޙައްމަދު ޒައިދާން ޒާހިރު ހޮވިއްޖެއެވެ. އޭނާގެ ނަން އިޢުލާން
ކުރެވިގެން ދިޔައީ ރޭ ދަރުބާރު ގޭގައި ބޭއްވި އެސްކޫލްގެ ފާއިތުވި އަހަރުގެ އަހަރީ
އިނާމު ދިނުމުގެ ޖަލްސާގައެވެ.

ދަރުމަވަންތަ
ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މުޙައްމަދު ޒައިދާން ޒާހިރު
ވަނީ ނިމިގެންދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް
ހޯދައިގެން ނެޝަނަލް ޓޮޕް 10ގެ  1 ވަނަ
ހޯދާފައެވެ. އަދި އެސް.އެސް.ސީ. އިމްތިޙާނުން މުޅި ރާއްޖެއިން ދިވެހި މާއްދާއިން 1 ވަނަ ޒައިދާން
ވަނީ ހޯދާފައެވެ. ޒައިދާން އަށް އިނާމާއި، ތަށްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން
ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، ޕަބްލިސް ސަރވިސް މީޑިއާގެ
މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. ފާއިތުވި އަހަރު
ދަރުމަވަންތަ ސްކޫލުން އޯލެވެލް ނިންމާ ނެޝަނަލް ޓޮޕް 10 ގައި 20 ދަރިވަރުން
ހިމެނުނުއިރު 1 ވަނައިގައި 3 ދަރިވަރުން ހިމެނެއެވެ.

މިރަސްމިއްޔާތުގައި ތައުލީމީ ގޮތުންނާއި، އެކި
ހަރަކާތްތަކުން ފާހަގަކޮށްލެވޭ ވަނަތައް ޙާސިލްކުރި 100 ދަރިވަރަކަށް އިނާމު
ޙަވާލުކޮށްފައިވެއެވެ.

ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވާ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް
ހަލީލު ދެއްކެވި ވާހަކަފުޅުގައި، ފަހަކަށް އައިސް ސްކޫލްތަކުގެ އަހަރީ
އިނާމުދިނުމުގެ ޖަލްސާތައް ލައިވްކުރަމުންދާ ދިއުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން، ޕަބްލިކް ސަރވިސް މީޑިއާއަކީ ޢާންމު ޚިދުމަތެއްގެގޮތުގައި
ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތަކަށްވާއިރު، ތަޢުލީމީ ދާއިރާއިން
ސްކޫލްތަކުގެ ދަރިވަރުން ހޯދާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް ރައްޔިތުންނާ ހަމައަށް
ގެނެސްދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ސީޒަނެއްގެގޮތުގައި، މިފަދަ
ހަރަކާތްތައް ޓީވީއެމް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސް
ދެމުންގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ހަމަ އެހެންމެ،
ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާތައް ލައިވްކޮށް ގެނެސްދޭނީ ހަމައެކަނި
މާލެއިން އެކަނި ނޫންކަމަށާއި، ވީވަރަކުން އަތޮޅުތެރެއިންވެސް ލައިވް ކުރުމަށް
މަސައްކަތް ކުރާނެކަމަށް ޚަލީލު ވިދާޅުވިއެވެ.

މީގެ އިތުުރުން
ހަލީލު ފާހަގަ ކުރެއްވި ގޮތުގައި، އަންނަ އަހަރު ޕަބްލިކް ސަރވިސް މީޑިއާއިން،
ތަޢުލީމީ ދާއިރާއަށް ހާއްސަކޮށްގެން ހާއްސަ ޓީވީ ޗެނަލެއް އުފައްދަވާނެއެވެ. މި ޗެނަލް
މެދުވެރިކޮށް ގޭގައިތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔަވާ
ކުދިންނާއި، އުނގެނެން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ކިޔަވާ ސަނަދު ހާސިލު
ކުރެވޭ ފެންވަރަށް ތަރައްގީކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަމާ ބެހޭގޮތުން
އެޑިއުކޭޝަން މިނިސްޓްރީއާ މިހާރުވެސް މަޝްވަރާ ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން،
ސްކޫލްތަކުގައި ހުރި މީޑިއާ ކްލަބްތައް ހަރުދަނާކުރުމަށް އެހީތެރިވެދީ، އެ
ކްލަބްތަކުން އުފައްދާ އުފެއްދުންތައް ޓީވީއިން އަންނަ އަހަރު ފެނިގެންދާނެކަމުގެ
އުންމީދު ޕީއެސްއެމްގެ އެމްޑީ ހަލީލު ފާޅުކުރެއްވިއެވެ.

ދަރުމަވަންތަ
ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވީ ފާއިތުވެގެންދިޔަ އަހަރަކީ
އެސްކޫލަކަށް ވަރަށް ކާމިޔާބު އަހަރެއްކަމަށާއި މިއަހަރަކީވެސް އެފަދަ ކާމިޔާބީ
އަހަރަކަށްވެގެންދާނެކަމަށެވެ. އަބްދުﷲ ދީދީ ވިދާޅުވީ އެސްކޫލަށް ދިމާވެފައިވާ
އިމާރާތުގެ ދަތިކަން ހައްލުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ފާއިތުވި އަހަރު ދަރުމަވަންތަ ސްކޫލުން އެންމެ މޮޅު
ދަރިވަރަކަށް ހޮވުނު ނ. ކެނދިކުޅުދޫ އަށް އުފަން މުހައްމަދު ޒައިދާން ޒާހިރު ބުނީ، ތަޢުލީމީ ދަތުރުގެ މުޙިއްމު ހިސާބަކަށް
އާދެވިފައިމިވަނީ ގިނަ ގުނަ މަސައްކަތްތަކާއި، މައިންބަފައިންގެ
އެހީތެރިކަމާއިއެކުގައިކަމަށެވެ.

މުނިފޫހިފިލުވުމުގެ
ބައެއް ހަރަކާތްތަކާއެކު ކުރިޔަށްދިޔަ މިރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ
ޑޮކްޓަރ އައިޝަތު ޝިހާމްގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސްވެރިންނާއި،
ދަރުމަވަންތަ ސްކޫލްގެ ވެރިންނާއި ޓީޗަރުންގެ އިތުރުން ދަރިވަރުންނާއި
ބެލެނިވެރިން ބައިވެރިވިއެވެ.