ޚަބަރު

އާ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް 10ދުވަހުގެތެރޭ ފަށަނީ


ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމަށް އަލަށް ތަރައްޤީކުރާ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތް 10ދުވަހުގެތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. އާ ތެލަސީމިއާ ސެންޓަރު ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ. މި ސެންޓަރު އިމާރާތްކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް، ނާއިބު ރައީސް ފައިސަލް ނަސީމްވަނީ އެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް މިއަދު ޒިޔާރާތްކުރައްވާފައެވެ.

ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމަށް މާލޭގައި ބޭނުންކުރަމުންދާ ސެންޓަރަކީ 1994ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ސެންޓަރެކެވެ. މި ފަރުވާ ހޯދާ ކުދިންނާއި، އަދި އެ ކުދިންގެ އާއިލާތަކުގެ ކަންބޮޑުވުންތައް، ހެލްތް މިނިސްޓަރ އަޙްމަދު ނަސީމްއާވަނީ މިދިޔަ މަހުގެ ތެރޭގައި ޙިއްސާކުރައްވާފައެވެ. އެގޮތުން ތެލަސީމިއާ ފަރުވާއާއި، އަދި ޖާގައާއި ގުޅޭ ޝަކުވާތައް އެކިފަހަރުމަތިން ސަރުކާރާއިވެސް ޙިއްސާކޮށްފައިވެއެވެ.

ތެލެސީމިއާ ކުދިންގެ ބައެއް ބެލެނިވެރިންނާއެކު މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމްވަނީ ތެލްސީމިއާކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކޮށް، ފަރުވާދޭ ސެންޓަރަކީ ކުދިންނާއި ގާތް ރައްޓެހި ތަނެއްގެ އިޙުސާސުކުރެވޭ ފަދަ ތަނަކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސަރުކާރުން މިހާރުވަނީ އާ ތެލަސީމިއާ ސެންޓަރެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ނިންމާފައެވެ. މިކަމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ވިދާޅުވެފައެވެ. ސެންޓަރު ތަރައްޤީކުރާ ސަރަޙައްދު ބައްލަވާލެއްވުމަށް ނައިބު ރައީސް ކުރެއްވި ޒިޔާތުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމްއާއި، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާހޯދާ 600އަށްވުރެ ގިނަ ކުދިން ތިބިކަމަށް މޯލްޑިވްސް ބްލަޑް ސަރވިސްއިން ވިދާޅުވެއެވެ. މީގެތެރެއިން 360އަށްވުރެ ގިނަ ކުދިންނަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ، މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދާ ކުދިންނެވެ.

މި ކުދިންގެ ޝަކުވާތަކުގެތެރޭގައި އެކަށީގެންވާ ފަރުވާ ނުލިބުމާއި، ޖާގައިގެ ދަތިކަމާއި، ނަފްސާނީގޮތުން ދިމާވާ މައްސަލަތަކަށް ސައިކޯ ޝޯޝަލް ސަޕޯޓް ފަދަ އަސާސީ ޚިުމަތްތައް ރަނގަޅު ފެންވަރެއްގައި ނުލިބުމުގެ ދަތިކަން ހިމެނެއެވެ. އަދި ލޭ ހޯދުމުގައިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.

ތެލަސީމިއާ ކުދިންނާއި މީހުންގެ ޙައްގުތައް ކަށަވަރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުުމަށް މިކަމާއި ގުޅޭ ހަރުދަނާ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރަމުންނެވެ.