ދުނިޔެ

އޮބާމާ، ބުޝް އަދި ކްލިންޓަން ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުމަށް ތައްޔާރު


ކޯވިޑް-19އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންއާއިމެދު އާންމުންގެ ޔަޤީންކަން އިތުރުކުރުމުގެ މަޤްޞަދުގައި ކެމެރާ ކުރިމަތީގައި އެ ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ތިއްބެވިކަމަށް އެމެރިކާގެ ކުރީގެ ރައީސުންކަމަށްވާ ބަރަކް އޮބާމާ، ޖޯޖް ޑަބްލިއު ބުޝް އަދި ބިލް ކްލިންޓަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޓްރަންޕުގެ ކުރިން އެމެރިކާގެ ރައީސްކަން ކުރެއްވި ޑިމޮކްރަޓެއްކަމަށްވާ އޮބާމާ ވިދާޅުވީ ސައިންސާއިމެދު އެމަނިކުފާނަށް އޮތް ޔަޤީންކަން އާންމުންނަށް އެންގެވުމަށް ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ބައްޔާއި ދެކޮޅަށް އުފައްދާ ވެކްސިނަކަށް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ލިބުމުން ކެމެރާ ކުރިމަތީގައި ވެކްސިން ޖައްސަވާނެކަމަށް އޮބާމާގެ ކުރިން ވެރިކަމުގައި ހުންނެވި ރިޕަބްލިކަނެއްކަމަށްވާ ބުޝްވެސް ތައްޔާރަށް ހުންނެވިކަމަށް އޭނާގެ ޗީފް އޮފް ސްޓާފް، ފްރެޑީ ފޯޑުވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ވެރިކަމުގައި ބުޝްގެ ކުރިން ހުންނެވި ކްލިންޓަންގެ ތަރުޖަމާނު، އޭންޖަލް ޔޫރީނާ ވިދާޅުވީ ވެކްސިނެއް ލިބުނުހާ އަވަހަކަށް އާންމު ޞިއްޙަތާއި ބެހޭ މާހިރުން ނިންމަވާ ތަރުތީބަކުން އެ ވެކްސިނެއް ކްލިންޓަން ބޭނުންކުރައްވާނެކަމަށެވެ. ވެކްސިން ޖެހުމަށް އާންމުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އާންމުންނަށް ފެންނަ ގޮތަކަށް ވެކްސިން ޖެއްސެވުމަށް ޑިމޮކްރަޓެއްކަމަށްވާ ކްލިންޓަން ތައްޔާރަށް ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

ފައިޒާ އަދި ބަޔޯއެންޓެކު ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނަކަށް ޙުއްދަ ދިނުމާއިމެދު ގޮތެއް ނިންމުމަށް މިނިވަން މުޝީރުން ހިމެނޭ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ޕެނަލަކުން ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުގައި ބައްދަލުކުރުމަށްދަނީ ތައްޔާރުވަމުންނެވެ. އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތްހުރީ 95 އިންސައްތައަށްވުރެ މަތީގައިކަމަށް ތަހުލީލުތަކުންވަނީ ދައްކައިފައެވެ. އެ ވެކްސިނަށް ޙުއްދަ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ނުވަތަ ހަފްތާތަކެެއްގެ ތެރޭގައި ވެކްސިން ދޭން ފެށޭނެކަމަށް އެމެރިކާގެ ޞިއްޙީ އޮފިޝަލުންވަނީ އަންދާޒާކޮށްފައެވެ.

އޭގެ އިތުރުން، މޮޑާނާ އިންކް ތައްޔާރުކޮށްފައިވާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތްވެސް 95 އިންސައްތައާއި ގާތްކުރެއެވެ. ފައިޒާގެ ވެކްސިނާއި އެއްގޮތް ސިފަތަކެއް ހުންނަ މި ވެކްސިނަށްވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ ތެރޭގައި ޙުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި، އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ އެމެރިކާގެ ގިނަ ޢަދަދެއްގެ މީހުންވަނީ ވެކްސިނެއް އުފެއްދުމުގެ ފަހަތުގައިވާ ސައިންސާއިމެދު ސުވާލު އުފައްދާ، ރެކޯޑު ބާރު މިނެއްގައި ވެކްސިން ތައްޔާރުކުރުމުން އޭގެ ރައްކާތެރިކަމާއިމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކޯވިޑް-19 ވެކްސިން ޖަހާނެކަމަށް ބުނި މީހުންގެ ނިސްބަތްހުރީ ފަންސާސް އިންސައްތައިގައެވެ. ނަމަވެސް މިދިޔަ މަހުގައި ކުރި ދިރާސާގައި އެ ނިސްބަތްވަނީ 58 އިންސައްތައަށް އިތުރުވެފައެވެ.

އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސުގެ ރަސްމީ އިދާރާއިންވަނީ ކޯވިޑް-19އާއި ދެކޮޅަށް އުފައްދާ ވެކްސިނެއް ބޭނުންކުރެއްވުމަކީ ޕެންސަށް ލިބިވަޑައިގަންނަވާނެ ޝަރަފެއްކަމުގައި ވިދާޅުވެފައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދަރިކަނބަލުން އަދި ރިޔާސީ އިދާރާ، ވައިޓު ހައުސްގެ އިސް މުޝީރެއްކަމަށްވާ އިވަންކާ ޓްރަންޕުވެސްވަނީ ވެކްސިން ބޭނުންކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން، އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތޭޚެޝްވެސް ވީ އެންމެ އަވަހަކަށް ވެކްސިން ބޭނުންކުރައްވާނެކަމަށް އދގެ ތަރުޖަމާނު ސްޓެފާން ދުޖަރިކްވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވެކްސިން ބޭނުންކުރައްވާނީ ވެކްސިނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމުންކަމަށް ދުޖަރިކް ވިދާޅުވިއެވެ.