ދުނިޔެ

މޮޑާނާގެ ވެކްސިންގެ އަސަރު ކުޑަކުދިންގެ މެދުގައި ތަހުލީލުކުރަނީ


ކޯވިޑް-19އާއި ދެކޮޅަށް މޮޑާނާ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ކުޑަކުދިން ބޭނުންކޮށްގެން ތަހުލީލުކުރުމަށް ރާވައިފިއެވެ.
މޮޑާނާއިން ބުނީ އެ ތަހުލީލުތައް ކުރުމުގެ ބޭނުމަކީ ވެކްސިންގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ދެނެގަތުންކަމަށެވެ. 28 ދުވަހަށް ކުރިޔަށް ގެންދާ މި ތަހުލީލުތަކުގައި އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ 3،000 ކުދިންނަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ހަފުތާގެ ކުރީކޮޅުގައި އިނގިރޭސިވިލާތުންވަނީ ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނެއް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ފުރަތަމަ ފަހަރަށް ދީފައެވެ. އިނގިރޭސިވިލާތުން ޙުއްދަ ދީފައިވާ ވެކްސިނަކީ ފައިޒާ ކުންފުންޏަކާއި ބަޔޯއެންޓެކު ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. އެއާއިއެކު މިހާތަނަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި 65 މިލިއަނަށްވުރެ ގިނަ މީހުންނަށް އެ ބަލިޖެހި، އެ ބައްޔެއްގެ ސަބަބުން 1.5 މިލިއަން މީހުން މަރުވެފައިވާ ކޯވިޑް-19 ބަލިމަޑުކަން ނިމުމަކަށް އައުމުގެ އުންމީދުވަނީ އައުވެފައެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށްވާ މޮޑާނާއިން ބުނީ ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް އެމެރިކާ އަދި ވިލާތުގެ އިދާރާތަކުގައި އެދުމަށް ތައްޔާރުވަމުންދާކަމަށެވެ. މޮޑާނާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތްހުރީ 94 އިންސައްތައަށްވުރެ މަތީގައިކަމަށް ފަހުގެ ތަހުލީލުތަކުންވަނީ ދައްކާފައެވެ.

ފައިޒާގެ ވެކްސިން އަދި މޮޑާނާގެ ވެކްސިނަކީވެސް ކުޑަކުދިންނާއި މާބަނޑު މީހުންނަށް ދެވޭނެ ވެކްސިނެއް ނޫނެވެ. ފައިޒާއިންދަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންގެ މެދުގައި ވެކްސިންގެ ތަހުލީލުތައް ކުރަމުންނެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިން ތަހުލީލުކުރަމުންދާ އެސްޓްރަޒެނެކާ ކުންފުނިންވެސްވަނީ ވެކްސިންގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރު ދިރާސާކުރާނެކަމަށް ބުނެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ އެންމެ އިސް ސައިންސްވެރިޔާ، ސައުމްޔާ ސްވާމިނަތަން ވިދާޅުވީ ވެކްސިނެއްގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާނަމަ އެ ކަމެއް ހޯދަންވާނީ ބޮޑެތި މީހުންގެ މެދުގައި ކުރާ ތަހުލީލުތަކުންކަމަށެވެ. ކުޑަކުދިންނަށް އެއްވެސް ގެއްލުމެއް ލިބުނަ ދީގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑެތި މީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަށްވުރެ ކުޑަކުދިންގެ ދިފާޢީ ނިޒާމު ވަރުގަދަވުމުގެ އިތުރުން ދިފާޢީ ނިޒާމާއި ދެކޮޅަށް ދޭ ޙާމަލާތަކުގެ ބަދަލުގައި ޙަރަކާތްތެރިވާ ނިސްބަތް އިތުރެވެ. އެއާއިއެކު ވެކްސިނެއް ދީފިނަމަ އެ ވެކްސިނާއި ދެކޮޅަށް ބޮޑެތި މީހުންނަށްވުރެ ބޮޑަށް ކުޑަކުދިންގެ ދިފާޢީ ނިޒާމުން ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުވެއެވެ. އަދި ދުޅަވުންފަދަ 'އިންފްލެމޭޓަރީ' މައްސަލަތައް ދިމާވުން ގާތެވެ.

ސްވާމިނަތަން ވިދާޅުވީ މީގެ ކުރިން ޑެންގޫއާއި ނޭވާލާ ނިޒާމަށް ބަލިޖައްސާ ވައިރަސްތަކާއި ދެކޮޅަށް ދޭ ވެކްސިންތައް ކުޑަކުދިންނަށް ދިނުމުން ކުޑަކުދިންގެ ޞިއްޙަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި އެ ކުދިންނަށް ރައްކާތެރިކަން ލިބުމުގެ ބަދަލުގައި ވެކްސިން ދިނުމުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުކަމަށް ފާހަގަވިކަމަށެވެ.