ޚަބަރު

ފަންނުވެރި މަސައްކަތްތައް ދަސްކުރުމަށް ފަހި ފުރުޞަތުތަކެއް


އަންނަ އަހަރުގެ ޖެނުއަރީ މަހު މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށްގެންދާ ކޯސްތައް އިޢުލާންކޮށް ކޯސްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް ޕޮލިޓެކްނިކަކީ ރާއްޖޭގައި ފަންނީގޮތުން މީހުން ބިނާކުރުމުގެ ގޮތުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާގެ ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ އިދާރާއެކެވެ.

މި ވޭތުވެ ދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ ފެންވަރުގެ އެކި ކޯސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕޮލިޓެކްނިކުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ ސްކޫލް ނިންމާ އުމުރުފުރާއިން ފެށިގެން ދެ ޖިންސްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.

ޕޮލިޓެކްނިކުން މިހާރުވަނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަންނަ އަހަރު ޖެނުއަރީ އިންޓޭކްގައި 6 ދާއިރާއަކުން 34 ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ޕޮލިޓެކްނިކުން ވިދާޅުވެއެވެ. މީގެ ތެރޭގައި އިލެކްޓްރީޝަނުން ތަމްރީން ކުރުމާއި ސްމޯލް ބިޒްނަސް މެނޭޖްމަންޓްގެ ޕްރޮގްރާމްތަކާއި، ޕްރޮޖެކްޓް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން އާއި ކަސްޓަމަރ ރިލޭޝަން އެންޑް ފްރޮންޓް އޮފީސް ޕްރޮގްރާމް ހިމެނެއެވެ. މީގެ އިތުރުން ގެސްޓްހައުސް މެނޭޖްމަންޓާއި އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާތަކުގެ ޕްރޮގްރާމްތައްވެސް ހިމެނެއެވެ. މިއީ ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ ލެވެލްއަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ. 6 މަހާއި 2 އަހަރު ދުވަހުގެ މި ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ މިމަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަޙްމަދު ނާޞިރު ވިދާޅުވީ ޕޮލިޓެކްނިކުން ކުރިއަށްގެންދާ ކޯސްތަކަކީ ފީ ނުނަގާ ކުރިއަށްގެންދާ ކޯސްތަކެއްކަމަށެވެ. އެގޮތުން ޖެނުއަރީ އިންޓޭކްގެ ޖާގައަކީ 1500 ނަމަވެސް އެއަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ އެކުދިންވެސް ބާކީ ނުކޮށްވޭތޯ ބަލާނެކަމަށެވެ.

މިފަހަރުވެސް ޕޮލިޓެކްނިކުން ކުރިއަށް ގެންދާ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ އިދާރާގެ ކެމްޕަސްތަކުގައި ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން ގއ.ވިލިގިލީގެ ކެމްޕަހުގައި 8 ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ރ.އަލިފުށީގައި 8 ޕްރޮގްރާމް، އައްޑޫ ސިޓީގައި 8 ޕްރޮގްރާމް، ގދ. ގައްދޫގައި 5 ޕްރޮގްރާމް، މާލޭގައި 30 ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

ޕޮލިޓެކްނިކުން އެކި ދާއިރާތަކުން ފަންނީ މީހުން ބިނާކުރަމުން އަންނަ އިރު ކޮންމެ އަހަރަކު 400 އަށް ވުރެ ގިނަ މީހުން ޕޮލިޓެކްނިކުން ޖާގަ ދެމުން އާދެއެވެ. އަދި މިދިޔަ އަހަރުތެރޭގައި އެތަނުންވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޚާއްސަ ކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.