ދުނިޔޭގެ ވިޔަފާރި

އެޕަލްގެ "އެޕްސް އޮފް ދަ އިޔަރ" ހޮވައިފި


އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނީގެ އުފެއްދުންތަކުގައި ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ތެރެއިން 2020 ވަނަ އަހަރު އާއްމުންގެ ތެރޭގައި އެންމެ މަޤްބޫލް އެޕްލިކޭޝަންތައް ހޮވައިފިއެވެ.

ކޯވިޑްގެ ސަބަބުން ދިރިއުޅުމުގެ އާދަކާދަތަކަށް ވަރަށް ބޮޑު ބަދަލުތަކެއް އައި މި އަހަރުގެ ތެރޭގައި އެޕަލްގެ އުފެއްދުންތަކުން އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ ދިރިއުޅުން ފަސޭހަ ކުރުމަށް އެހީ ވެދޭ އެކިއެކި އެޕްތަކާއި، ސިއްހަތާގުޅޭ އެޕްތަކާއި އަދި އެކަކު އަނެކަކާ އެކި ގޮތްގޮތަށް ގުޅުމަށް ބޭނުންކުރާ އެޕްތައްކަމަށް އެޕަލްއިން މައުލޫމާތުދެއެވެ.

އެޕަލްގެ އެކި އުފެއްދުންތަކުން އެންމެ ގިނައިން އާއްމުން ބޭނުންކުރި އެޕްތަކުގެ ތެރޭގައި، އައިފޯން ބޭނުންކުރާ ފަރާތްތަކުން އެންމެ ގިނައިން ބޭނުންކުރި އެޕްލިކޭޝަނަކަށް ހޮވިފައިވަނީ ކަސްރަތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ވޭކްއައުޓް އެޕްލިކޭޝަނެވެ.

އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން އާއްމުކޮށް އިދާރީ ކަންކަމުގައި ބޭނުންކުރެވޭ ވަސީލަތެއްކަމަށްވާ އައިޕެޑްއިން އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ ޒޫމް އެވެ. އޮފީސްތަކުގެ މީޓިންގްތަކާއި އިންޓަރވިއު ފަދަ ބޭނުންތަކަށް މި އެޕް ބޭނުންކުރަން ފަށާފައިވަނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އިދާރީ ކަންކަމަށް އައި ބަދަލުތަކުގެ ތެރެއިންނެވެ. ރާއްޖޭގައިވެސް ޒޫމް ތައާރަފްވެ މިހާރު ބޭނުން ކުރަމުން އަންނަ މިންވަރު ވަނީ އިތުރުވެފައެވެ.

އެޕަލް މެކްބުކް ބޭނުންކުރާ ފަރާތްތަކުން އެންމެ ގިނައިން ބޭނުން ކުރި އެޕް އަކަށް ހޮވިފައި ވަނީ "ފެންޓާސްޓިކަލް"އެވެ. ކަލަންޑަރެއްގެ ގޮތަށް ބޭނުންކުރެވޭ މިއެޕް އަކީ ބިޒީ ޝެޑިއުލްއެއްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެޕެއްކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

އެޕަލް ކުންފުނީގެ އެންމެ ގިނައިން ބޭނުން ކުރި އެޕްތައް ހޮވުމުގައި ބަލާފައިވަނީ އެންމެ ކޮލިޓީ ރަނގަޅު އެޕްތަކާއި، ޑިޒައިން ކުރުމުގަ އެންމެ އުފެއްދުންތެރި އެޕްތަކާއި، ބޭނުން ކުރުމުގައާއި ޓެކްނޮލޮޖީއާ ގުޅުން ހުރި މިންވަރަށާއި، އާއްމުންނަށް އެ އެޕްގެ ސަބަބުން ކުރާ ފައިދާތަކަށެވެ.

އެހެން އަހަރުތަކާއި އަޅާބަލާއިރު ޓެކްނޮލޮޖީއާ މުއާސަލާތުގެ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، އެހެން އަހަރުތަކަށްވުރެ ގިނައިން މިފަދަ އެޕްތައް އާއްމުން މިއަހަރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެޕްތައް އުފެއްދުމުގައި ކުޅަދާނަ އުފެއްދުންތެރިންގެ މަސައްކަތް އެޕަލްއިން ފާހަގަކުރެއެވެ.

އެޕަލްއިން ބުނާގޮތުން ގޭތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި އެޕްތައް ބޭނުން ކޮށްގެން ސިއްހީގޮތުންނާ ތައުލީމީ ގޮތުން އަދި އެހީއަށް ބޭނުންވާ ފަރާތަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް އާއްމުންނަށް ލިބިގެން ގޮސްފައިވާކަމަށް އެޕަލްއިން ފާހަގަކުރެއެވެ.