ޚަބަރު

ހިބަރު މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭން ގެޒެޓްކޮށްފި


ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

މި މެނޭޖްމެންޓް ޕްލޭންއަކީ ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާއިފައިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭނެކެވެ.

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ޕްލޭންގައި މައިގަނޑު 3 މަގްސަދެއް ހިމެނޭއިރު، އޭގެ ތެރޭގައި އެންމެ މުހިންމު މަޤްސަދަކީ ހިބަރު މަސްވެރިކަން މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާއިގުޅޭ ސަރަހައްދީ ޖަމްއިއްޔާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފިޔަވަޅުތަކަކަށް ހެދުން ހިމެނެއެވެ. އަދި ހިބަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމްކޮށް، ޒިންމާދާރު ގޮތެއްގައި ހިބަރުގެ މަސްވެރިކަން ބަލަހައްޓައި މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިއްބައިދިނުމަކީވެސް މި ޕްލޭންގެ މަޤްޞަދެކެވެ.

ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ގެ ދަށުން މެނޭޖްކުރާ ބާވަތްތަކަކީ ފަންގަނޑު ހިބަރު، ތުންގަނޑު ހިބަރު، ކަޅު ބިލަމަސް ހިބަރު، ނޫމަސް ހިބަރު އަދި ގަޅިޖެހި ހިބަރެވެ. ދިވެހިރާއްޖޭގައި ހިންގާ ހިބަރުގެ އާބާދީއަށް އަސަރުކުރާނެ ހުރިހާކަމަށް މި ޕްލޭން ހިނގާނެއެވެ. އޭގެ ތެރޭގައި ހިބަރު ބޭނުމާއި، ޕްރޮސެސްކުރުމާއި، ރައްކާކުރުމާއި، ގަނެ ވިއްކުމާއި ދިވެހިރާއްޖެއިން ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ހިމެނެއެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވާ އަދި މި ހަރަކާތްތަކާއި ގުޅުންހުރި ތަންތަނަށްވެސް މި ޕްލޭން ހިނގާނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ހިމާޔަތް ކުރުމަށް ހަދަމުން އަންނަ ތަރައްގީގެ ޕްލޭންތަކަކީ މުސްތަގުބަލުގެ ޖީލުތަކަށް އެ ވަސީލަތްތަކުން މަންފާ ލިބިގަތުމަށް ހުރަސްނޭޅޭ ގޮތުގެމަތިން މިއަދުގެ ޖީލުތަކަށް ބޭނުންތައް ފުއްދޭނެގޮތަށް ތަރައްގީކުރެވޭ ޕްލޭންތަކެކެވެ. އަދި މިފަދަ ޕްލޭންތައް ހެދުމުގައި ވީހާވެސް ބޮޑަށް އެންމެންގެ ޝާމިލްވުން ކަށަވަރުކޮށް ކަމާގުޅޭ އެންމެން، ހާއްސަކޮށް ސިޔާސަތެއްގެ ނުވަތަ ފިޔަވަޅެއްގެ ސަބަބުން ސީދާ އަސަރުކުރާ ފަރާތްތައް ބައިވެރިކުރުމަށް ސަރުކާރުން އިސްކަންދެއްވައެވެ.

ހިބަރުގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާ ގުޅޭގޮތުންނާއި، މަސްވެރިކަން ދެމެހެއްތެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް ޕްލޭންއާއެކީގައި ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޕްލޭންގެ ދަށުން ހިބަރުގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރ ކުރުމަށްޓަކާ ހިބަރުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި ވިޔަފާރި ބޭނުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަށް ލައިސަންސްކުރުމަށް ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ ދަށުން ހިބަރުގެ ސްޓޮކް މެނޭޖްކުރުމަށްޓަކާ ކޮންމެހެން ފިޔަވަޅުއަޅަން ޖެހިއްޖެ ހާލަތެއްގައި އެކަންކުރުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވަކި ސަރަހައްދަކުން ހިބަރު ހިފުން މަނާކުރުމާއި ވަކި ބާވަތެއް ހިފުން ނުވަތަ ޕްރޮސެސްކުރުން މަނާކުރުން ހިމެނެއެވެ. އަދި އެކްސްޕޯޓް ކުރެވޭ ހިބަރުގެ ބާވަތްތަކުގެ ކޯޓާއެއް ކަނޑައަޅާ ތަންފީޒުކުރުމާއި އަދި މީގެ އިތުރުންވެސް ހިބަރުގެ ސްޓޮކަށް އަސަރުކޮށްފާނެ ހަރަކާތްތަކާ ގުޅޭގޮތުން އެހެނިހެން ފިޔަވަޅު އެޅުން މިޕްލޭންގައި ހިމެނެއެވެ.

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ އިތުރުން ސަރުކާރުން ގެންދަވަނީ، މަސްވެރިކަމާއި ގުޅުންހުރި މިފަދަ ގިނަ ޕްލޭންތަކެއް ހަދަމުންނެވެ.