ޚަބަރު

ތިލަދުންމަތި ބަލާލަން "ތިލަދެކުނު ވެށި ޓުއާރ"


"ތިލަދެކުނު ވެށިޓުއަރ"ގެ ނަމުގައި ތިލަދުންމަތީގެ ބައެއް ރަށްތަކަށް ލޯންޗު ދަތުރުތަކެއް ފަށަން ހދ. އަތޮޅު ކައުންސިލުން ތައްޔާރުވެއްޖެއެވެ.

ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ ގޮތުގައި ހއ އަދި ހދ ބައެއް ރަށްތައް ބަލާލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް، "ތިލަދެކުނު ވެށިޓުއަރ" ގެ ނަމުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަތުރުތަކެއް ފެށުމަށް އެ ކައުންސިލުން ތައްޔާރުވަމުން އަންނަކަމަށެވެ.

އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަސީމް ވިދާޅުވީ، މިދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ތާރީހީ ގޮތުންނާއި ގުދުރަތީގޮތުން ރީތި އަދި ވިޔަފާރީގެ ބޭނުންމަށް މީހުން ދާން ބޭނުންވާ ރަށްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ފަހިކޮށްދިނުން ކަމަށެވެ. ކައުންސިލުގައި މަޝްވަރާކޮށް ކައުންސިލުން ފާސްކޮށްގެން ފަށާ މި ދަތުރުތަކުގައި މިވަގުތު ވަކި ރަށްތަކެއް ހާއްސަކޮށްފައިވާކަމަށް ވަސީމް ވިދާޅުވިއެވެ. އެހެންނަމަވެސް ދަތުރުތަކަށް ލިބޭ ޑިމާންޑަށް ބަލާ ރައްޔިތުންގެ ހިޔާލާއި އެކު އެހެން ރަށްތައްވެސް މި ލިސްޓަށް އިތުރުކުރަމުން ގެންދާނެކަމަށްވެސް ވަސީމް ވިދާޅުވިއެވެ.

މި ދަތުރުތައް އޮންނާނީ ހަފްތާ ބަންދާއި ދިމާކޮށް ކޮންމެ ހޮނިހިރު ދުވަހަކުއެވެ. ދަތުރުތަކުގައި ބޭނުންކުރާނީ އަތޮޅު ކައުންސިލްގެ ލޯންޗެއްކަމަށާއި ދަތުރުތަކުގެ ޝެޑިއުލް ކޮންމެ މަހަކު އެއްފަހަރު އަތޮޅު ކައުންސިލުން އާއްމުކުރަމުން ގެންދާނެކަމަށްވެސް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

އަތޮޅުގެ ރަށްތައް ބަލާލުމަށް ކުރާ މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޓިކެޓް ވިއްކައިގެންނެވެ. އަދި މިވަގުތައް މި ދަތުރުތަކުގައި ދާނެ މަންޒިލްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަކުނުދޫ، ހަނިމާދޫ، ބާރަށް، އިހަވަންދޫ، ހޯރަފުށި، އުތީމު، ކެލާ، ވަށަފަރު، އަދި ދިއްދޫއެވެ.

އަތޮޅު ކައުންސިލުން ވިދާޅުވީ ޓިކެޓްް ވިއްކާނެ އަގުތަކާއި ޓިކެޓް ލިބޭނެ އިންތިޒާމުތައް ކަނޑައަޅާފައިވާ ގޮތް އެ ކައުންސިލުން ވަރަށް އަވަހަށް އާއްމުކުރާނެއެވެ.

"ތިލަދެކުނު ވެށިޓުއަރ"ގެ ފުރަތަމަ ދަތުރު އޮންނާނީ މިމަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ. އެދުވަހި ދަތުރުކުރާނީ ހޯރަފުށްޓާއި އިހަވަންދޫއަށެވެ.