ދުނިޔޭގެ ވިޔަފާރި

ޗައިނާއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ދަމަހައްޓާނަން: ބައިޑަން


ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުން ދަމަހައްޓާނެކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އިޤްތިޞާދީ ޚިޔާލުތަފާތުވުންތައް ނައްތާލާ އެއްގަލަކަށް އެރުމަށް މިއަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހު އެކުލަވާލައި، ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބައެއް އުފެއްދުންތައް ގަތުމަށް ޗައިނާއަށް ލާޒިމްވާއިރު، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ނުވަތަ ޓެރިފް އެމެރިކާއިން ބޮޑުކުރުން ހުއްޓާލާނެއެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ 2020 އާއި 2021އާއި ދެމެދު އެމެރިކާގެ އުފެއްދުންތައް ގަންނަ އަދަދު 250 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ޗައިނާގެ ކުންފުނިތަކުން އެތެރެކުރާ 100 ބިލިއަން ޑޮލަރުގެ އިންޑަސްޓްރިއަލް މުދަލުން ނަގާ ޓެރިފް 25 އިންސައްތައިގައި ހިފެހެއްޓުމަށް ވަނީ އެއްބަސްވެފައެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ނިއު ޔޯކް ޓައިމްސްއާއި ވާހަކަދައްކަވަމުން ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އިސްލާހީ ގިނަ ބަދަލުތަކެއް ގެނައިކަމުގައިވިޔަސް ވަގުތުން ވަގުތަށް އަވަސް ބަދަލުތަކެއް ގެނައުމަށް ނުވިސްނަވާކަމަށެވެ.

މި ސަބަބަށްޓަކައި ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުން ދަމަހައްޓާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޗައިނާގެ ގުޅުން ވަރަށް ހީނަރުވެފައިވާކަން ފާހަގަކުރައްވާ ބައިޑަން ވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދު ހަމަޖެހިގެން މަޝްވަރާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމުކަމަށެވެ. މި ސަބަބަށްޓަކައި އެމަނިކުފާނުގެ ދައުގައި މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ބައިޑަން ވިދާޅުވިއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ގިނަ ޤައުމުތަކަކަށް ފައިދާވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން އެންމެ ބޮޑު ފައިދާއެއް ކުރާނީ އާސިއާން ސަރަޙައްދުގެ އިޤްތިޞާދަށްކަމަށް އެފަރާތްތަކުން ހާމަކުރެއެވެ. އަހަރަކަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އާސިއާން ޤައުމުތަކުގެ އިޤްތިޞާދަށްވެސް ވަނީ ބޮޑެތި އަސަރުތަކެއްކޮށްފައެވެ. އާސިއާންގެ ޤައުމުތަކުގެ އިޤްތިޞާދަށް ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އަސަރުތަކެއް ކޮށްފައިވާއިރު، އެކި ޤައުމުތަކުގެ އިޤްތިޞާދަށް އަސަރުކޮށްފައިވަނީ އެކި މިންވަރަށެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނެސް، ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރިއިރު، މީގެ ސަބަބުން އާސިއާންގެ ޤައުމުތަކުގެ އިޤްތިޞާދަށް ފައިދާތަކެއްކޮށް، އާސިއާން ސަރަޙައްދުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އާސިއާން ސަރަޙައްދުގެ އިޤްތިޞާދު ކުރިއަށްއޮތް ދުވަސްތަކުގައި 4.7 އިންސައްތައިން 4.9 އިންސައްތައަށް ކުރިއަރާނެކަމަށް އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.