ޚަބަރު

ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރުކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އެޅުމަށް އަންގައިފި

ކަރަންޓީން ވުމަށް ކަނޑައަޅާ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރުކޮށްފިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިމަހުގެ 4 ވަނަ ދުވަހުންފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަންވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުގެ ކަރަންޓީންގެ މުއްދަތު ވަނީ 10 ދުވަހަށް ކުރުކޮށްފައެވެ. އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާމުއްދަތުވެސް 10 ދުވަސްކަމުގައި ވަނީ ކަނޑައަޅާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ކަރަންޓީންގެ މި މުއްދަތަށްފަހު ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކުރާނެކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމަހުގެ 4 ގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން 14 ދުވަސް ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު 10 ދުވަހަށް ކުރުކުރިނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނުވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ14 ދުވަސްކަމަށްވެސް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

އެޗްޕީއޭއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށްވެސް އަންގަވާފައެވެ. އަދި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށްވެސްވަނީ އަންގަވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރަންވާނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއެކު ކަމަށެވެ. އަދި މިގޮތަށް ހަދާ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް -19 ކޮންޓްރޯލްކުރުމަށް އެޗް.ޕީ.އޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ޢަމަލުކުރޭތޯ ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން ބެލުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.