ޚަބަރު

ބ.އަތޮޅު ހޮސްޕިޓަލަށް އަންނަމުންދާ ތަރައްޤީއާއެކު ރައްޔިތުންނަށް ބޮޑެތި ފަސޭޙަތަކެއް


ސަރުކާރުގެ ސިއްޙީ ސިޔާސަތާ އެއްގޮތަށް އަތޮޅު ތެރޭގައި ޤާއިމްކޮށްފައި ހުރި ހޮސްޕިޓަލު ތަކުން ނުލިބޭ އެތައް ޙިދުމަތެއް މިހާރު ލިބެމުންދަކަމީ އެކަމުގެ ސަަބަބުން ރައްޔިތުންގެ ގިނަ ފަސޭހަތަކެއް ލިބިގެންދާނެ މަސައްކަތްތަކެކެވެ. މި ދުވަސްވަރަކީ ކޯވިޑް 19ގެ ބަލިމަޑުކަމުގެ ދުވަސްވަރުކަމުން ސިއްޚީ ބޭނުމަށް މާލެ ދަނީ މަދުބައެކެވެ. އެއީ އަތޮޅު ތަކުން ނުލިބޭ، ނަމަވެސް ކޮންމެހެން ބޭނުންވާ ޙިދުމަތްތައް ހޯދާށެވެ.

ރާއްޖޭގެ އެހެން ހޮސްޕިޓަލު ތަކެކޭ އެއްގޮތަށް ބ.އަތޮޅު ހޮސްޕިޓަލުން ލިބެން ނެތް ޙިދުމަތްތައް ފޯރުކޮށްދިނުމަށް އެހޮސްޕިޓަލުން އަންނަނީ ގިިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ އެތެރެ ހަށީގެ ބަލިތަކަށް ފަރުވާދޭން ފަށާފައެވެ. މިއީ ސަރުކާރުން އަތޮޅުތަކުގެ ސިއްޙީ ނިޒާމް ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތް ދައްކުވައިދޭ ކަމެއްކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

އެހޮސްޕިޓަލުން ބުނީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އެ ހޮސްޕިޓަލުގެ އޯޕީޑީގައި ބަލި މީހުން ބައްލަވާނެ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ. މިއާއެކު މިއަހަރު ކުރީކޮޅު އެހޮސްޕިޓަލުން ދޭންފެށި ކަށީގެ ޙާއްސަ ޑޮކްޓަރުގެ ޙިދުމަތްވެސް ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ދޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސާވިސް މުހައްމަދު ރަޝީދު ވިދާޅުވީ، މިއީ އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ރަސްމީކޮށް ބ. އަތޮޅު ހޮސްޕިޓަލުގައި ދޭން ފެށި ފުރަތަމަ ފަހަރުކަމަށާ، މި ހިދުމަތް ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ގަބޫލުކުރާކަމަށެވެ. މިހިދުމަތާއެކު 9 ދާއިރާއަކުން އެހޮސްޕިޓަލުގައި ފަރުވާދޭން ފެށިފައިވާކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޮސްޕިޓަލަށް ލިބެމުން މިދަނީ އެގޮތުން މީގެ ކުރިން ކަށީގެ ޑޮކްޓަރަކަށް ދެއްކުމަށް ދާންޖެހެނީ މާލެ ނުވަތަ ރ.އުނގޫފާރުގައި ހުންނަ ރިޖަނަލް ހޮސްޕިޓަލަށް. މީ މިހޮސްޕިޓަލުން ޙިދުމަތް ހޯދާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް އަދި ހިތްހަމަ ޖެހުމެއްކަމަށް ގަބޫލް ކުރަނީ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 80 މީހުން ޑޮކްޓަރަށް ދެއްކުމަށް އަންނައިރު، ގިނައީ އެހެން އަތޮޅުތަކުގެ މީހުންނެވެ. އެގޮތުން މި ދުވަސްވަރު އއ އަތޮޅާއި އދ އަތޮޅުގެ ބައެއް ރަށްތަކުންވެސް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް އާދެއެވެ. މީގެ އިތުރުން ކ. ކާށިދޫ އާއި ގާފަރުންވެސް ޑޮކްޓަރަށް ދެއްކުމަށް ބ. އަތޮޅު ހޮސްޕިޓަލަށް މީހުން އާދެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިހާރު ފަރުވާދޭ ކަންކަމުގެ ތެރޭގައި އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަށީގެ ބަލިތައް، އަންހެނުންގެ ބަލިތައް، އަދި އެތެރެހަށީގެ ބަލިތައް ހިމެނެއެވެ. އަދި ކޯވިޑް 19 ފައްސިވާ މީހުންނަށްވެސް އެހޮސްޕިޓަލުން ފަރުވާ ދެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ތައާރަފްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މިއަހަރު ނިމުމުގެ ކުރިން އެހޮސްޕިޓަލުން ނުހެދޭ ޓެސްޓްތައް އައިޖީއެމްއެޗް އަށް ފޮނުވައިގެން ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ތައްޔާރު ވަމުން ދާއިރު މިހުރިހާ ޙިދުމަތެއް ފޯރުކޮށްދިނުމުގައި އިމާރާތުގެ ދަތިކަން ހުރިކަން އެ ހޮސްޕިޓަލުން ފާހަގަ ކުރެއެވެ. އެހެންކަމުން އެހޮސްޕިޓަލުން ލިބެން ނެތް ޙިދުމަތްތައް ފޯރުކޮށްދީ، ހިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.