ވިޔަފާރި

ރާއްޖެ ހިމެނޭގޮތަށް އެޝިޔާ ޕެސިފިކް ގައުމުތަކުގެ ވަޒީރުން ފެންވަރުގެ ބައްދަލުވުމެއް ފަށައިފި


ރާއްޖެ ހިމެނޭހެން، އެޝިޔާ ޕެސިފިކް ގައުމުތަކުގެ ވަޒީރުން ފެންވަރުގެ ބައްދަލުވުމެއް ފަށައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި އެންވަޔަރަމެންޓު މިނިސްޓަރ ހުސެއިން ރަޝީދު ހަސަންއެވެ.

ވަރޗުއަލްކޮށް ބާއްވާ ބައްދަލުވުމުގައި ފެނާއި ނަރުދަމާއާއި، ސާފު ތާހިރުކަމާއި ސިއްހަތާއިބެހޭ ދާއިރާއަށް ލިބިފައިވާ މާލީ ވަސީލަތްތައް މިހާރަށްވުރެ ރަނގަޅަށް ބޭނުންކުރާނެ ގޮތްތަކާއި އަދި މިދާއިރާއަށް އިތުރު ވަސީލަތްތައް ގެނެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން އިންތިޒާމުކުރަނީ، ސަރަހައްދީ ގައުމުތަކުގެ ސަރުކާރާއި އެހީދޭ ފަރާތްތަކާއި އާއްމު ޖަމުޢިއްޔާ ޖަމާއްތަކާއި އަދި ތަރައްގީއަށް އެހީތެރި ވާ އެހެނިހެން ފަރާތްތަކާއި، އާއްމުކޮށް ފެނާއި ސާފުތާހިރުކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ އަމާޒަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެންނެވެ.

މިފަރާތްތްކުގެތެރޭގައި ސެނިޓޭޝަން އެންޑް ވޯޓާފޯ އޯލް (އެސް.ޑަބުލިޔޫ.އޭ.)، ޔުނިސެފް، ވޯލްޑް ބޭންކް، ގްލޯބަލް ވޯޓާޕުރެކޮޓިސް އާއި އޭސިޔާ ޑިވެލޮޕްމެންޓް ބޭންކު ހިމެނެއެވެ. ކުރީއަހަރުތަކާއި ހިލާފަށް މިއަހަރުގެ ބައްދަލުވުން ބާއްވާނީ ވާރޗުއަލްކޮށެވެ. އަދި ދުނިޔޭގެ ކަންކޮޅު ތަކަށް އޮންލައިންކޮން ޖަލްސާ ބްރޯޑްކާސްޓް ކުރެވޭނެއެވެ.

މިޖަލްސާ އިންތިޒާމުކުރުމުގެ އިސްދައުރެއްއަދާކުރާ ސެނިޓޭޝަންއެންޑުވޯޓާރފޯރ އޯލް އަކީ އެންމެނަށް ފެނާއި ސާފުތާހިރު ކަމުގެ ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޕާރޓްނާރ ޝިޕްއެކެވެ.

މި ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފެނާއި ނަރުދަމާއާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ކުރިއެރުވުމަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާ ޖަމާއަތްތައް ބައްދަލުވެ، ފިނޭންސް މިނިސްޓަރުންގެ މިޖަލްސާގައި އަލިއަޅުވާލަން މުހިއްމު ބައެއް ކަންތައްތައް ވަނީ ފާހަގަކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން، ފެނާއި ނަރުދަމާއާއި ސެނިޓޭޝަންގެ ދާއިރާގެ ތަރައްގީއަށް ކަޑައެޅިފައިވާ ފައިސާ ދެކޮޅުޖެހޭ އުސޫލަކުން ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި މިދާއިރާގެ މުއައްސަސާތައް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކޮށް، ހިންގުންތެރިކަން ވަރުގަދަކުރުމަކީ މުހިއްމު ކަންތައްތައް ކަމުގައި ފާހަގަކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.