ޚަބަރު

"ފެންބޯސާ" ގެ 7 ވަނަ ޖަލްސާ ރާއްޖޭގައި ބާއެްވަން ނިންމައިފި


އިންތިޚާބާއި ގުޅުންހުރި ކަންކަން ހަރުދަނާކުރުމުގެ ގޮތުން ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް  ބާއްވާ "ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭޝިއާ" ފެންބޯސާގެ 7 ވަނަ ޖަލްސާ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ހާމަކުރައްވައިފިއެވެ. އެކޮމިޝަނުން މިކަން ހާމަކުރައްވާފައި ވަނީ މިމަހުގެ އެކަކުން ދެއަކަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ފެންބޯސާގެ 6 ވަނަ ޖަލްސާގައި މަޝްވަރާކުރެވުނު ކަންތައްތަތަކާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ސުލެއިންމާން ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށް ބަލާއިރު، އިންތިޚާބުތަކާއި ގުޅުންހުރި ދާއިރާތައް ތަރައްޤީކޮށް ހަރުދަނާކުރުމުގައި ރާއްޖޭން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރެވިގެންދިޔަކަމަށެވެ. އެގޮތުން ސަރަހައްދީ ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖޭގައި ވޯޓާސް ޓާން-އައުޓް ނުވަތަ ވޯޓްލާން ދާ މީހުންގެ ޖުމްލަ އަދަދު އިތުރުވުމާއި، އިންތިޚާބުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ވޯޓު ލެވޭނެ ފަދަ ނިޒާމެއް ޤާއިމުވެފައި އޮތުން ފަދަ ކަންކަން ފާހަގަކޮށްލެވޭ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކޮލަމްބޯގައި ކުރިއަށްދިޔަ ފެންބޯސާގެ 6 ވަނަ ބައްދަލުވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައި ސަރަހައްދީ 8 ޤައުމަކުން ޖުމްލަ 9 ކަރުދާހެއް ހުށަހަޅާ، މަޝްވަރާކުރެވި އެކަމާގުޅޭ ޤަރާރުތަކެއް ފާސްކޮށްފައިވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅި ކަރުދާހަށްވެސް މެމްބަރު ޤައުމުތަކުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.މިފަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން ހުށަހަޅާފައިވަނީ "މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގައި ޖުޑިޝަރީގެ ދަޢުރު" މި މަޢުލޫއާއި ގުޅޭ ކަރުދާހެކެވެ. މިއަހަރުގެ ފެންބޯސާގެ ބައްދަލުވުމާއި އެކު ނުކުޅެދޭ މީހުންނަށް ހައްސަކޮށްގެން ބޭއްވުނު ސައުތު އޭޝިއާ ރީޖަނަލް ޑިސްއެބިލިޓީ ރައިޓްސް ޑައިލޮގު އޮން ޕޮލިޓިކަލް ޕާޓިސިޕޭޝަންގައިވެސް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބައިވެރިވެފައެވެ. އަންނަ އަހަރު ފެންބޯސާގެ 7 ވަނަ ޖަލްސާ ރާއްޖޭގައި ބާއްވާނެ ވަކި ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެކޮމިޝަންގެ ފަރާތުން އެކަމަށް ވާންޖެހޭ ތައްޔާރީތައްވުމުގެ ގޮތުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ، މަސައްކަތްތަކެއް ކުރަމުންދާކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ. އަންނަ އަހަރު ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމަށް 1.7 މިލިއަން ރުފިޔާގެ ޕްރޮޕޯޒްޑް ބަޖެޓެއްވެސް މިހާރުވަނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކަނޑައަޅާފައެވެ. "ފެންބޯސާ" މިބައްދަލުވުމަކީ، ދެކުނު އޭޝިއާގެ އިލެކްޝަންސް ކޮމިޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމާއި، މިނިވަން މުސްތަގިއްލު އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އެކަމަށް ކުރަންޖެހޭ ކަންކަން ކުރާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރުމުގެ ބޭނުމުގައި އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.