ޣާޒީ ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އަފާފް އަބްދުﷲ ހޮވިއްޖެެއެވެ.ހުޅުމާލޭ ޣާޒީ ސްކޫލުގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި އެންމެ މޮޅުދަރިވަރަށާއި ސްކޫލުން ހޮވާލެވުނު އެންމެ މޮޅު 5 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަހުމަދު ޙަބީބެވެ.ޣާޒީ ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޢަފާފް ވަނީ މިދިޔަ އަހަރު ޖީސީ އޯލެވެލް އިމްތިހާންގައި ގައުމީ ގަދަދިހައެއްގެ އެއްވަނަވެސް ހާސިލްކޮށްފައެވެ.ޣާޒީ ސްކޫލުގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަބީބް ވަނީ ކިޔަވައިދިނުމުގައި އޭރާއި މިހާރުގެ ފަތާތުތަކަށް ބައްލަވާ ވާހަކަ ފުޅުދައްކަވާފައެވެ. އަދި ޣާޒީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރުވަނީ ސްކޫލުން ކޮށްފައިވާ ކަންތައްތަކާއި ލިބިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލާ ވާހަކަދައްކަވާފައެވެ. އެގޮތުން އެސްކޫލުން އެއްއަހަރުން އަނެއްއަހަރަށް ލިބެމުންދާ ކާމިޔާބީތަކަށް ބައްލަވާލައްވާ ވާހަކަދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ ކޮންމެ އަހަރަކުވެސް ވަކި ޓާގެޓެއް ނަގައިގެން މަސައްކަތް ކުރަމުންދާކަަމަށެވެ.މި ރަސްމިއްޔާތުގައި ޣާޒީ ސްކޫލުން އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު 5 ދަރިވަރުންވެސް ވަނީ ހޮވާފައެވެ. އަދި މިދިޔަ އަހަރު އެ ސްކޫލުން ޖީސީއީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވެސް އިނާމު ދީފައިވެއެވެ.މިއަހަރުގެ އަހަރީ އިނާމުދިނުމުގެ ރަސްމިޔާތުގައި އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު 141 ދަރިވަރަކަށް އިނާމު ހަވާލުކޮށްފައިވެއެވެ.އަދި ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ ފެންވަރުގައި އެ ސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް މި ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މިރަސްމިޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.