ޚަބަރު

އައްޑޫސިޓީގައި ޕިކަޕެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ


އައްޑޫ ހައި ސްކޫލް ކައިރީގައި ހުންނަ "ކަރ ސަރވް އޮޓޯ ރިޕެއަރ ސަރވިސް" ގަރާޖު ކުރިމަތީގައި ބާއްވާފައި އޮތް ޕިކަޕެއްގައި ރޯވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރޭ 00:56 އެހާކަންހާއިރު ޕިކަޕެއްގައި ރޯވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ޕިކަޕުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ މަސައްކަތުންނެވެ.

ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވެއެވެ. ނަމަވެސް ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.

ފުލުހުން ދަނީ މިމައްސަލައާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުޤީޤު ކުރަމުންނެވެ.