ޚަބަރު

ކޯވިޑް-19 : ޢުމުރުން 75 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. މިމީހާ ނިޔާވެފައި ވަނީ، ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ކޯވިޑް-19ގައި ނިޔާވި 8ވަނަ މީހާއެވެ.

މިއާއި އެކު މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 47އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 39 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 13000އިން މައްޗަށް އަރައިފައިވާއިރު، މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 95 މީހަކަށް ދަނީ ފަރުވާދެމުންނެވެ.