ސިޔާސީ

އީސީސީގެ ގޮނޑިތައް ޕީޕީއެމުން ބޭނުންކޮށްފައެއްނުވޭ- މިނިސްޓަރ


މާލޭގައި ބޭއްވި މިނިވަން ފަންސާހުގެ ޚާއްސަ ދަރުބާރުގައި ބޭނުންކުރުމަށް އައްޑޫ ކޮންވެންޝަން ސެންޓަރުން ގެނައި ގޮނޑިތައް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބޭނުންކޮށްފައި ނުވާނެކަމަށާއި، އެގޮނޑިތައް އަލުން އެތަނަށް ގެންދިއުމަށް ގޮނޑިތައް ގެނައިފަރާތާއި ހަވާލުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އައްޑޫ ސިޓީގައި ހުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހުރި ގޮނޑިތައް މިނިވަން 50 ގެ ހަރަކާތްތަކާ ގުޅިގެން މާލެ ގެނެސްފައިވާތީ ދެން އެތަކެއްޗާއިމެދު އަމަލުކުރާނެ ގޮތަކާއިމެދު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިނިވަން 50ގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް 850 ގޮނޑި މާލެ ގެނައިކަމަށެވެ. އަދި އެ ގޮނޑިތައް ގެނައީ އެއީ އެފަދަ ގައުމީ ބޮޑު ހަފުލާއަކަށް އެކަށީގެންވާ ގޮނޑިތަކެއްކަމަށް މިނިވަން 50ގެ ހަރަކާތްތައް އިންތިޒާމު ކުރި ފަރާތްކަކަށް ގަބޫލުކުރެވޭތީކަމަށާއި، އެގޮނޑިތައް އަނބުރާ ގެންދިއުމަށް ގޮނޑިތައް ގެނައި ފަރާތްތަކާ މިހާރު ހަވާލު ކުރެވިފައިވާކަމަށެވެ.

އެގޮނޑިތައް ޕީޕީއެމްގެ ޖަލްސާތަކާއި ހަފްލާތަކުގައި ބޭނުންކުރައްވާކަމަށް ވިދާޅުވެ ރޮޒެއިނާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ ގޮނޑިތައް މިނިވަން 50ގެ ދަރުބާރުގައި ބޭނުން ކުރެއްވުމަށްފަހު ސަރުކާރުގެ ބައެއް ވުޒާރާތަކުން ބޭއްވި ބައެއް ހަފުލާތަކުގައި ބޭނުން ކުރެއްވިކަމަށެވެ. ނަމަވެސް ޕީޕީއެމް އޮފީހުގައި ނުވަތަ ޖަލްސާތަަކުގައި އެގޮނޑިތަށް ބޭނުންކޮށްފައި ނުވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ މުދާ އެވަގުތަކު ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އޭގެ ބޭނުންކުރުމަކީ ސަރުކާރުގެ ހައްގެއްކަމަށެވެ.

މީގެއިތުރުން ކޮންވެންޝަން ސެންޓަރު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެތަން މަރާމާތުކުރުމުގެ ގޮތުން ސާވޭކޮށްފައިވާކަމަށާއި، ކުރަންޖެހޭ މަރާމާތުތައްވެސް މިހާރު ދެނެގަނެވިފައިވާކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ އެތަން މަރާމާތުކޮށްލުމަށްފަހު ބޭނުންކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާހުރި އަދި މަސްލަހަތުހުރިގޮތަށް ބޭނުން ހިފޭނެގޮތައްް ބަދަލުކުރުމަށްކަމަށެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރާއި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވިއިރު ވެސް އެމްޑީޕީގެ މެންބަރުން ވަނީ ވަޒީރު އިންނަވާ މޭޒުކޮޅުކައިރީގައާއި، މަޖިލީހުގެ ތަޅުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުކޮށްލުމަށް ގޮވާލާ  ބެނާތަކެއް ދަމައި އަޑުގަދަކޮށްފައެވެ.