ޚަބަރު

މާލޭގައި މަގުމަތިވެފައިވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނަން ފަށައިފި


މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީއިން ވަނީ މި މަސައްކަތުގެ ދަށުން އެމީހުންގެ ޙާލަތު ބަލައި އެމީހުންނަށް ދޭންޖެހޭ ފަރުވާއާއި ފަހިކޮށްދޭންޖެހޭ ޚިދުމަތްތައް ފަހިކޮށްދިނުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ރަޝީދު ވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިކަމާއެކު ގިނަ ބަޔަކު ޙާލުގައި ޖެހިފައިވާކަމަށް ވިދާޅުވެފައެވެ. މިފަދަ ފަރާތްތަކަށް އެހީވުމަށް ވޭތުވެ ދިޔަ ދުވަސްތަކުގެ މެދުކެނޑުމެއް ނެތި މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވަނީ މިމީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ގިނަކަން ފާހަގަކުރައްވާފައެވެ. މިފަދަ މީހުންނަށް ފަރުވާ ދިނުމަށް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގަލޮޅު ދަނޑުގައި ޑިޓޮކްސްސިފިކޭޝަން ސެންޓަރެއް ޤާއިމުކޮށް ފަރުވާދީފައިވާއިރު، މިޚިދުމަތް އިތުރަށް ފުޅާކޮށް މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ. ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަ މީހުން ބެއިތިއްބުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގައި ތަރައްޤީކޮށްފައިވާ ޑިޓޮކްސް ކޭމްޕެއްގައެވެ.

100 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ މި ކޭމްޕްގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތަކުގެ ޙާލަތު ބަލައި ދޭންޖެހޭ އިތުރު ފަރުވާއާއި ފަހިކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމަށް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި ކޭމްޕަށް ގެންދާ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ އަސަރު ބޮޑަށްކޮށް ސިވިއަރ ކޭސްތަކުގެ ގޮތުގައި ފާހަގަކުރެވޭ މީހުން ފަރުކޮޅު ފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަށް އިތުރު ފަރުވާއަށް ގެންދިއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިހާރުވެސް މި ފެސިލިޓީގައި 4 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މި ކޭމްޕުން މީހާ ދޫކޮއްލާނީ އެމީހާއަށް މުޖުތަމަޢުގައި ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭނެވަރަށް މަގުފަހިކޮށްދިނުމަށް ފަހުގައިކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ލެކްވާތަން މި ފެންނަނީ އާފްޓާ ކެއަރ ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި. މިކަމަށް މެއިން ފޯކަސްއެއް މިފަހަރު ދީފައިވާނެ. އެގޮތުން މިފަދަ ފަރާތްތައް ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ދޫކޮއްލާނީ އަނބުރާގޮސް ވަޒޫފާއަކަށްވެސް ދެވޭނެ ފަދަ އިންތިޒާމު ހަމަޖައްސާދިނުމަށް ފަހު. އެގޮތުން މިކަން ހަމަޖެއްސުމަށް ކުންފުނިތަކާއެކުވެސް ވާނީ މަޝްވަރާކޮށްފައި" ސްޓޭޓް މިނިސްޓަރ ޢާއިޝަތު ރަޝީދު ވިދާޅުވިއެވެ.

މާލޭގައި ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަ މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން %15 އާޢިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައްކަމަށް ހައުސިންގް މިނިސްޓަރ އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ ތެރެއިންވެސް ގިނަ ބަޔަކު ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާއިރު މި މީހުން ދިރިއުޅެމުންދަނީ ވަރަށްވެސް ދަތި ޙާލުގައެވެ. އެގޮތުން މީގެތެރެއިން ބައެއް މީހުން މީހުން ދިރިނޫޅޭ ވީރާނާވެ ހަލާކުވެފައިވާ ގޭގޭގައި ދިރިއުޅޭއިރު، ދަންވަރުވުމުން މިސްކިތްތަކާއި މާރުކޭޓް ގޮޅިތަކުގައި ނިދާ ކައިބޮއި ހަދައެވެ.