ޚަބަރު

ޖަމްއިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކުންފުނިތަކުގެ ސީ.އެސް.އާރަށް


ޒިންމާދާރު މަސައްކަތްތައް ކުރާ ޖަމްއިއްޔާތަކަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ހާމަކުރައްވައިފިއެވެ.

އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސަ ވިދާޅުވީ ރާއްޖޭގައި ވަރަށް ޒިންމާދާރު ކަމާއެކު މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައްކަމަށެވެ. އެމައްސަލަ ޙައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ ފަރާތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ހޯދުމަށް މަޝްވަރާ ކުރައްވަމުންދާކަމަށް އީސަ ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މެދުވެރިކޮށް މިމަސައްކަތް މޮނިޓަރ ކުރެވޭނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ޢީސަ ވިދާޅުވިއެވެ. އެގޮތުން މިހާރު މިކަމަށް ބޭނުންވާ ދިރާސާތައް މިނިސްޓްރީން ކުރައްވަމުން ގެންދަވާކަން މުޤައްރިރުވަނީ ހާމަކުރައްވާފައެވެ.

އަޑު: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްޓަކާ މަސައްކަތްކުރާ ޖަމިއްޔާތައްފަދަ ޒިންމާދާރު މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ޙައްލުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެސްއާރްގެ ތެރެއިން މިދަނީ މަސައްކަތްކުރަމުން."އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރު އަޙްމަދު ޢީސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ ޖަމްއިއްޔާތަކުގެ ޤާނޫނުގެ ބިލް ދިރާސާކުރައްވަމުންނެވެ. އަދި މިމަސައްކަތް ނިމުމުން މިހާރަށްވުރެ ބޮޑަށް ޖަމްއިއްޔާތަކުގެ ހިނގުން ހަރުދަނާކުރެވި ޖަމްއިއްޔާތައް ހިނގުމަށް ކުރާ ހޭދައިން ނަތީޖާ ފެނިގެންދާނެކަމަށް މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މަދަނީ ޖަމްއިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލު ކުރޭތޯ ބެލިނަމަވެސް އަމިއްލަ ފަރާތްތަކުން ހިންގާ ޖަމްއިއްޔާތަކުން ކުރިއަށް ގެންދާ ޙަރަކާތްތައް އެމިނިސްޓްރީން ވިލަރެސްކުރަމުން ނުދާނެކަމަށް އެމިނިސްޓްރީ ވިދާޅުވެއެވެ. ރާއްޖޭގައި ހިންގާ އެކި ޖަމްއިއްޔާތަކުގެ ތެރޭގައި އެކި ބަލިތަކާ މެދު ޢާއްމުން ހޭލުންތެރިކުރުވާ އެފަދަ ބަލިތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެކި ޖަމްއިއްޔާތަކާއި ތިމާވެށި ހިމާޔަތްކުރުމަށާއި ތިމާވެއްޓާމެދު ޢާއްމުން ހޭލުންތެރިކުރުވުމަށް ފުޅާދާއިރާއެއްގައި ހިންގާ ޖަމްއިއްޔާތަކާއި މިނޫންވެސް އެކި ދާއިރާތަކުންވެސް ގިނަ ޖަމްއިއްޔާތަކެއް އަންނަނީ ހިންގަމުންނެވެ.