ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން 70،000 އަށް ވުރެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި


ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިމަހުގެ 28ހުގެ ނިޔަލަށް 70،000 އަށް ވުރެގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް 72،623 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއާއެކު މިއަހަރު މިހާތަނަށް 445،470 ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރީ 21،515 ފަތުުރުވެރިންނެވެ. އަދި މިހިނގާ ނޮވެމްބަރުމަހުގެ އަށާވީހުގެ ނިޔަލަށް މިމަހު ރާއްޖެއަށްވަނީ 32،241 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ. އެހެންކަމުން އޮކްޓޫބަރުމަހާ އަޅާ ބަލާއިރު ނޮވެމްބަރުމަހުގެ ތެރޭ ރާއްޖެއަށް 10،726 ފަތުރުވެރިން އިތުރަށްވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓު މަހު 7،628 ފަތުވެރިއަކު ރާއްޖެ އައިސްފައިވެއެވެ. އަދި ސެޕްޓެމްބަރު މަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.

ރާއްޖޭ ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 16،285 ފަތުރުވެރިއަކު ރާއްޖެ އައިސްފައި ވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 8،690 ފަތުރުވެރިންވަނީ އައިސްފައެވެ.
ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 5،312 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައިވެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ 34،336 އެނދުވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 29،052 އެނދާއި، ހޮޓާތަކުގެ 602 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2،330 އެނދު އަދި ގެސްޓުހައުސްތަކުގެ 2،352 އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.