ވިޔަފާރި

މުވައްޒަފުންނާއި އޮންނަ ގުޅުމުގެ ސަބަބުން ތަކުރާރުކޮށް ރާއްޖެއަށް ފަތުރުވެރިން އައުމަށް މަގުފަހިވޭ


ރާއްޖެއަށް އަންނަ ފަތުރުވެރިން ތަކުރާރުކޮށް ރާއްޖެއަށް އައުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުނާއެކު ފަތުރުވެރިން އޮންނަ ބަދަހި ގުޅުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމްވަނީ ރާއްޖޭގެ ފަތުރުވެރިިކަން މިހާބޮޑަށް ކުރިއަރައިގެން ދިޔުމުގައ މި ސިނާއަތުގައި މަަސައްކަތްކުރާ މުވައްޒަފުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ބައެއް ފަތުރުވެރިން ރާއްޖެއަށް އަންނަ އިރު، ކުރިން އެ ބަދަހި ގުޅުން އޮތް މުވައްޒަފަކު މަސައްކަތްކުރާ ރިސޯޓަށް ދިޔުމަށް އިޚްތިޔާރުކުރާ ކަމަށެވެ.

" މިހާރުވެސް ވަރަށް ގިނަ ގެސްޓުން އުޅޭނެ ތަނަށްވުރެ ބޮޑަށް މުވައްޒަފާ ގުޅިފަ ހުންނާނީ، އެ މުވައްޒަފަކު ރިސޯޓު އޭގައި ހުރެފައި ރިސޯޓު ބީއަށް ގޮއްސިއްޔާ އެ ގެސްޓަކުވެސް ދާނީ ރިސޯޓު ބީއަށް، ރާއްޖެއަށް ތަކުރާރުކޮށް އަންނަ ގެސްޓުން ބޮޑަށް އޮންނަނީ ޕްރޮޕަޓީއާއިވެސް އެޓޭޗްވެފައި، ހަމައެއާ އެއްވަރަށް މުވައްޒަފުންނާއިވެސް އެޓޭޗްވެފައި،" މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާލަތުގައި ކުރިއަރައިގެން ދިޔުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތްތަކުން ކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

' އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިންނަށް އަމާޒް ހިފާފައިވާއިރު، އެނަމްބަރު އެޔަށްވުރެ އުއްމީދީ، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ މުއްދަތުވަނީ އިތުރުވެފައި، ބެޑް ނައިޓްސް ވަރަށް ބޮޑަށް އިތުރުވެެގެންދާނެ، މީގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުުރުވެރިކަމުގެ ސިނާއަތަށްވަނީ ގިނަ އަސަރުތަކެއްކޮށްފައެވެ. އަދި މިހާލަތުގައި ރާއްޖޭގެ ފަތުރުވެެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކުރިއެރުންތައް މިވަނީ ދުނިޔެއަށް މިިސާލަކަށް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވީނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،701 ފަތުރުވެެރިންނެވެ. މިމަހުގެ ތެރޭ ރާއްޖެއަށްވަނީ 30 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.