ކުޅިވަރު

ބާސެލޯނާ މޮޅުވެ ރަނގަޅު ފޯމަކަށް


ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން ބާސެލޯނާ މޮޅުވެ މޮޅުވުމުގެ ރޫހު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0 ލަނޑުންނެވެ. މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ފޯވާޑް މާޓިން ބްރެތުވެއިޓްއެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބާސާއަށް ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް ގްރީޒްމަންއެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުން ގްރީޒްމަން ވަނީ ތިން ލަނޑުޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފަދީފައެވެ. ދެވަނަ ހާފްގައި އޮސްމާނޭ ޑެމްބެލޭ ބާސާއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެ ޓީމުގެ ފްރަންސިސްކޯ ޓްރިންކާއޯ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ ވީއޭއާރްން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އޭގެފަހުން މާގިނަ އިރު ނުވަނީސް ބާސާގެ ކެޕްޓަން ލައޮނެލް މެސީ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ބާސާ ވަނީ ނުވަ މެޗުން 14 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. ބާސާ އަތުން ބަލިވި އޮސަސޫނާ އޮތީ ތާވަލުގެ 15 ވަނައިގައި 10 މެޗުން 11 ޕޮއިންޓާއެކުގައެވެ.