ދުނިޔެ

ރައީސް ޓްރަންޕަށް ކޯޓުން އަނެއްކާވެސް ނާކާމިޔާބީއެއް


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންފައިވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ވާގިވެރިވާ ފަރާތްތަކުން، ޕެންސިލްވޭނިއާ ސްޓޭޓޫގެ ވޯޓުގެ ނަތީޖާ ބާޠިލްކުރުމަށް އެ ސްޓޭޓުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލުމަށް އެ ކޯޓުން ނިންމައިފިއެވެ. ސުޕްރީމް ކޯޓުގެ ނިންމުމާއިއެކު އިންތިޚާބުގެ ނަތީޖާ ބާޠިލްކުރުމަށް ޓްރަންޕު ކުރައްވަމުންދާ މަސައްކަތަށްވަނީ އިތުރު ގޮންޖެހުންތައް ކުރިމަތިވެފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންވަނީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވާ ޕެންސިލްވޭނިއާގެ ވޯޓު ހިމެނޭގޮތަށް ޖުމްލަ 306 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާފައެވެ. ރައީސް ޓްރަންޕަށް ލިބިވަޑައިގަތީ 232 ވޯޓެވެ.

ޕެންސިލްވޭނިއާގެ ވޯޓުގެ 50 އިންސައްތައިގެ އަޣުލަބިއްޔަތަކާއިއެކު އެ ސްޓޭޓު ޖޯ ބައިޑަން ކާމިޔާބުކުރައްވާފައިވާއިރު ރައީސް ޓްރަންޕަށް ލިބިވަޑައިގަތީ ވޯޓުގެ 48.8 އިންސައްތައެވެ. ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ޢަދަދުގެ ދެމެދުގައި 81،000 ވޯޓުގެ ތަފާތެއް އެބަ ހުއްޓެވެ. އިންތިޚާބުގެ ނަތީޖާއަށް ގޮންޖަހާ ޓްރަންޕުގެ ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ ޤާނޫނީ މައްސަލައިގައި އެދިފައިވަނީ ޕޯސްޓު މެދުވެރިކޮށް ފޮނުވާފައިވާ ހުރިހާ ވޯޓެއް ބާޠިލްކުރުމަށް ނުވަތަ ހުރިހާ ވޯޓެއް ބާޠިލްކޮށް އިންތިޚާބު ކާމިޔާބުކުރީ ކޮން ފަތާތެއްކަން ނިންމުމުގެ ބާރު ޤާނޫނު ހަދާ މަޖިލީހަށް ދިނުމަށެވެ. އެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ 2019ވަނަ އަހަރު ޕެންސިލްވޭނިއާގައި ތަންފީޒުކޮށްފައިވާ ޕޯސްޓު މެދުވެރިކޮށް ވޯޓުލުމަށް ޙުއްދަދޭ ޤާނޫނަކީ ޤާނޫނުއަސާސީއާއި ޚިލާފު ޤާނޫނެއްކަމަށެވެ.

ނޮވެމްވަރު މަހުގެ 24ވަނަ ދުވަހުގައި ޕެންސިލްވޭނިއާއިންވަނީ އެ ސްޓޭޓުގެ 20 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވާފައިވަނީ ބައިޑަންކަމަށް ރަސްމީކޮށް ލިޔުމުން އިއުލާންކޮށްފައެވެ. ރިޕަބްލިކަން ޕާޓީން ހުށަހެޅި މައްސަލައިގައި އިންތިޚާބު ކާމިޔާބުކުރެއްވީ ބައިޑަންކަމަށް ކަނޑައެޅިއެޅުން ހުއްޓުވުމަށްވެސްވަނީ ހުށަހަޅާފައެވެ. ނަމަވެސް ޕެންސިލްވޭނިއާގެ އެންމެ މަތީ ކޯޓުންވަނީ މައްސަލައިގައި ހުށަހަޅާފައިވާ ދެ ހުށަހެޅުންވެސް ބަލައިނުގަތުމަށް ނިންމައި، އާންމު އިންތިޚާބެއްގައި ވޯޓުލާފައިވާ ޕެންސިލްވޭނިއާގެ 6.9 މިލިއަން މީހުންގެ ވޯޓު ބާޠިލްކުރުމަށް މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުމަކީ ވަރަށް އާދަޔާ ޚިލާފު ހުށަހެޅުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ 2019ވަނަ އަހަރުގެ ޤާނޫނަކަށް ގޮންޖަހާ މައްސަލައެއް ހުށަހަޅާފައިވަނީ އެ ޤާނޫނު ތަންފީޒުކުރުމުގެ އެއް އަހަރު ފަހުންކަމަށާއި އެހެންކަމުން ޤަނޫނާއި ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވަނީ މާ ލަހުންކަމަށާއި އިންތިޚާބުގެ ނަތީޖާ ސާފުވުމުންކަމަށެވެ.

ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ނިންމުމަކީ ޕެންސިލްވޭނިއާގެ ނަތީޖާއާއި ގުޅޭގޮތުން ޓްރަންޕުގެ ފަރާތުން ހުށަހަޅާފައިވާ އެހެން ގިނަ މައްސަލަތަކަކާއި އެއްކަހަލަ ގޮތަކަށް ނިންމާފައިވާ ނިންމުމެކެވެ. ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުވެސް މައި ސަރުކާރުގެ އިސްތިޢުނާފު ކޯޓަކުންވަނީ އިންތިޚާބު އޮޅުވާލައްވާފައިވާކަމަށް ޓްރަންޕު ކުރައްވަމުންދާ ތުހުމަތުތައް ބަލައިނުގަތުމަށް ނިންމާ، ޕެންސިލްވޭނިއާގެ އަޣުލަބިއްޔަތު ބައިޑަނަށް ނާކާމިޔާބުވެފައިވާކަމަށް ނިންމުމަށް ދެކޮޅުހަދާފައެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ޓްރަންޕު ކުރައްވަމުންދާ ތުހުމަތުތައް އަދިވެސް ދަނީ ކުރައްވަމުންނެވެ. ކޯޓުން ކާމިޔާބީ ލިބޭގޮތް ވެފައި ނުވިނަމަވެސް އިންސާފު ހޯއްދެވުމަށް ޤާނޫނީ ގޮތުން ކުރައްވަމުންދާ މަސައްކަތްތައް ހުއްޓާނުލައްވާނެކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ.

ވައިޓު ހައުސް ދޫކުރައްވާނީ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހު ބާއްވާ އިލެކްޓޯރަލް ކޮލެޖުން އިންތިޚާބު ކާމިޔާބުކުރެއްވީ ބައިޑަންކަމަށް ބުނުމުންކަމަށް ނޮވެމްބަރު މަހުގެ 26 ގައި ޓްރަންޕުވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނުވަނީ ބައިޑަނަށް ވައިޓު ހައުސަށް ވަދެވަޑައިގަނެވޭނީ އޭނާއަށް ލިބިވަޑައިގެންނެވި 80 މިލިއަން ވޯޓަކީ ސައްޙަ ވޯޓުތަކެއްކަމަށް ސާބިތުކޮށްދެވިއްޖެނަމަކަމަށް ވިދާޅުވެފައެވެ.