ދުނިޔެ

މާބަނޑުއިރު ކޯވިޑް ޖެހުނު މީހެއް ވިހޭ ދަރުފުޅުގެ ހަށިގަނޑުގައި އެންޓިބޮޑީ


މާބަނޑުދުވަސްވަރު ކޯވިޑް-19 ޖެހުނު އަންހެނަކު ވިހޭ ދަރިފުޅުގެ ގައިގައި ކޯވިޑް-19އާއި ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީ ހުރިކަމަށް ދައްކައިފިއެވެ. އެއާއިއެކު މަންމަގެ ކިބައިން ބަނޑުގައި އޮންނަ ދަރިފުޅަށް ކޯވިޑް ޖެހުމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތުތަކެއް ސައިންސްވެރިންނަށްވަނީ ލިބިފައެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި ސިންގަޕޫރުގެ ރައްޔިތެއްކަމަށްވާ ސެލިން އަންގޗަންއަށް ކޯވިޑް ޖެހުނުއިރު ބަލީގެ ސަބަބުން ޙާލަތު ގޯސްވެފައެއް ނުވެއެވެ. ބަލިޖެހުނު އިރު އޭނާ ބަނޑުބޮޑެވެ. ހަސްފަތާލުގައި އެނދުމަތިކުރިތާ 2.5 ހަފުތާގެ ތެރޭގައި އޭނާވަނީ ގެއަށް ދޫކޮށްލައިފައެވެ.

މި މަހުގެ ތެރޭގައި އަންގޗަން ވިހާފައިވާއިރު އެ ކުއްޖާގެ ހަށިގަނޑުގައި ކޯވިޑް ޖައްސާ ވައިރަސްގެ އަސަރެއް ނެތްނަމަވެސް އެންޓިބޮޑީ ހުރިކަމަށް އަންގޗަންވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދީފައެވެ. އޭނާ ބުނީ އޭނާގެ ޑޮކްޓަރުން ޝައްކުކުރަނީ ތުއްތު ދަރިފުޅު ބަނޑުގައި އޮތް ދުވަސްވަރުގައި އެ ކުއްޖާއަށް މަންމަގެ ފަރާތުން ކޯވިޑް ޖެހިފައިވާކަމަށްކަމަށެވެ. އަންގޗަން ވިހަން ދިޔަ ހަސްފަތާލުކަމުގައިވާ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަސިޓީ ހަސްފަތާލުން އެ ކޭހާއި ގުޅޭގޮތުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ މާބަނޑު އަންހެނެއްގެ ފަރާތުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ކޯވިޑް ޖެހޭކަން މިހާތަނަށް އެނގިފައިނުވާކަމަށެވެ. ތުއްތު ދަރިފުޅު ވަށައިގެން ރަހިމުގައި ހުންނަ ފެންގަނޑުންވެސް އަދި މައިމީހާގެ ކިރުންވެސް މިހާތަނަށް ކޯވިޑްގެ އެކްޓިވް ވައިރަހެއް ފެނިފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ޝާޢިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން މާބަނޑުއިރު ކޯވިޑް-19 ޖެހިފައިވާ އަންހެނުން ވިހާ ކުދިންގެ ހަށިގަނޑުން ވައިރަހުގެ އެންޓިބޮޑީ ފެނިފައިވާކަމަށް ޗައިނާގެ ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ދުވަސްވާވަރަކަށް އެންޓިބޮޑީގެ އަސަރު ފޮހެވިގެންދާކަމަށްވެސް ޑޮކްޓަރުންވަނީ ބުނެފައެވެ.

މަންމަގެ ފަރާތުން އަލަށް ވިހާ ދަރިންނަށް ކޯވިޑް ޖެހުމަކީ ވަރަށް ނާދިރުކަމެއްކަމަށް ނިއުޔޯކު-ޕްރެސްބައިޓޭރިއަން އަދި ކޮލަމްބިއާ ޔުނިވަސިޓީ އާވިން މެޑިކަލް ސެންޓަރަށް ނިސްބަތްވާ ޑޮކްޓަރުންތަކެއްވެސް ވަނީ މިދިޔަ މަހު ބުނެފައެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް ޖުމްލަ 62.2 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފ 1.45 މިލިއަން މީހުންވަނީ މަރުވެފައެވެ. ސިންގަޕޫރުގައި މިހާތަނަށް 58،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު އެ ޤައުމުގައި މަރުވެފައިވަނީ 29 މީހުންނެވެ.