ޚަބަރު

އެމްޓީސީސީއިން ހިންގާ ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް އެވޯޑްދީފި


އެމްޓީސީސީގެ އެޕްރެންޓިސްޝިޕް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފިއެވެ.ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެވޯޑް 7 ފަރާތަކުން ހާސިލް ކުރިއިރު ހިއުމަން ރިސޯސް ޕްރޮގްރާމްގެ ދަށުން 14 މުވައްޒަފަކަށް މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދީފައިވެއެވެ. އެމްޓީސީސީގެ އެޕްރެންޓިސްޝިޕް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ 1980ގެ އަހަރުތަކަށް ބަލައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން އޮތީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. އަދި ވާދަކުރަންޖެހޭ ޤައުމުތަކާއި އަރައި ފައިހަމަ ކުރެވޭނެ ކަމުގެ އުންމީދާއިމެދުވެސް ޝައްކު އުފެދިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ނަމަވެސް 1990 ގެ އަހަރުތަކުގައި ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތައް ރާއްޖެއަށް އަންނަން ފެށުމާއިއެކު އެކުންފުނިތަކުންނާއި ފަތުރުވެރިކަމުގެ ސިނާއަތުން މީހުން ބިނާކުރުމަށް ދިން ސަމާލުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މިއަދު، ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ ސިނާއަތަށްވެފައި ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ބަލައިފި ނަމަ އެފަދަ އެންމެ ގިނަ ކުންފުނިތައް ހަރަކާތްތެރިވަމުންދާ ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާ، މިއީ ރާއްޖެއިން ހާސިލްކޮށްފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. އަދި އަންހެނުން ކުރިއަރުވައި ބާރުވެރި ކުރުވަން މިސަރުކާރުން ދެމުންގެންދާ ސަމާލުކަންވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ އެމްޓީސީސީ ވަޒީފާގެ ބާޒާރު ކުރިއަރަމުން އަންނައިރު ފާއިތުވެދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް 296 ވަޒީފާ ދިވެހިންނަށް ދީފައިވާނެ ކަމަށާއި އެމްޓީސީސީގައި ދިވެހިންނަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ގޮވާލެއްވިއެވެ.އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު އިފްތިތާހްކުރެއްވި "އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފޯ ޝްޕެޝަލް ނީޑްސް" ގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އަމިއްލަ ގާބިލިއްޔަތުކަން ސާބިތުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ހުނަރުތައް ވަޒީފާގެ މާހައުލުގައި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރެވޭނެ މަގު ފަހިކޮށްދެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން މައުލޫމާތުދެއެވެ.ހަމައެހެންމެ އެމްޓީސީސީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ކުންފުނީގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމުގެ މަގްސަދުގައި 2000 ވަނަ އަހަރު އެ ކުންފުނީގެ ބޯޑުން އިސްނަގައިގެން ފަށާފައިވާ ޕްރޮގްރާމެއްކަން ފާހަނގަކޮށްލެވެއެވެ. އެގޮތުން މިއަދާ ހަމައަށް އެމްޓީސީސީގެ 40 އަށްވުރެ ގިނަ މުވައްޒަފުން މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ހޯދާފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.