ޚަބަރު

އައްޑޫ ސިޓީ ގަމާއި ލ ގަމުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި


އައްޑޫ ސިޓީ ގަމާއި ލ ގަމުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.

އައްޑޫ ސިޓީ ގަން ކޯޒްވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ވަނީ މޫދަށް ވެއްޓިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެސައިކަލަކީ އެއްކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެތަނުން އެއްސައިކަލު އަނެއް ސައިކަލު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ވިދާޅުވީ، އައްޑޫސިޓީ ގަން ކޯޒްވޭއިގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 21:30 ގައި ކަމަށެވެ. އަދި މިއެކްސިޑެންޓުގައި އެއް ސައިކަލު މޫދައް ވެއްޓިފައިވާ ކަމަށް ފުލުހުންވެސް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިއެކްސިޑެންޓުގައި 3 މީހަކަށް އަނިޔާ ވެފައިވާ އިރު، އެތަނުން ދެ މީހަކަށް އައްޑޫ ފޭދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެތަނުން އެކަކު އިތުރު ފަރުވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން މިރޭ އިރާކޮޅު ލާމު ލިންކު ރޯޑުގައިވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ، ލާމު ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ގަން ސިނާއީ ސަރަައްދާއި މުކުރިމަގާއި ދެމެދުން މަގުގައި ޖަހާފައި ހުރި، ޓްރެފިކް ސައިން ހޮޅި ދަނޑިއެއްގައި ޖެހިގެންނެވެ. މިހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ކާރުގައި ތިބި މީހުންނަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމުގައި ގަން ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ސ ގަމާއި ލ ގަމުގައި މިރޭ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައިވާއިރު، އެކަން ތަހުޤިޤުކުރަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއެވެ.